ބަޖެޓު 2022: ސިއްހީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ

ސެޕްޓެމްބަރ 4، 2019: ދަރުމަވަންތަ ކޮމްޕްލެކްސްގައި އެސްޓީއޯއިން އަލަށް ހުޅުވި ބޭސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ސިއްހީ ދާއިރާގެ މަސައްކަތްތަކަށް 4.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ހުށަހަޅާފައިވަނީ މިއަދެވެ.

މިއަދު އަމީރު ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ޖުމްލަ 2،257 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ. އަދި ބޭނުންވާ ސިއްހީ ވަސީލަތްތައް ހޯދުމަށް 1،136 މިލިއަން ރުފިޔާ ހުށަހަޅައިފައިވާއިރު އެކި ރަށްރަށުގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ތަރައްގީކުރުމަށް 448 މިލިއަން ރުފިޔާ ވަނީ ކަނޑަައަޅައިފައެވެ.

މީގެ އިތުރުން ހަތަރު ރަށެއްްގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް 60 މިލިއަން ރުފިޔާ ހުށަހަޅައިފައިވާއިރު ސަރުކާރުގެ ވައުދެއްކަމަށްވާ ކެންސަރު ހޮސްޕިޓަލް ލ. ގަމުގައި އެޅުމަށް 53 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

އެއާއެކު ކޮވިޑުން އަރައިގަތުމަށް ޓަކައި ކުރާ އެކި ހަރަދުތަކަށް 323 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ.

އެހެންކަމުން ޖުމްލަ ގޮތެއްގައި ސިއްހީ ދާއިރާގެ ރިކަރަންޓް ހަރަދަށް 3،979 މިލިއަން ރުފިޔާ ހުށަހަޅައިފައިވައިރު ކެޕިޓަލް ހަރަދުގެ ގޮތުގައި ހުށަހަޅައިފައިވަނީ 662 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުގައި ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހޭދަ އާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލާ އެކު ބަޖެޓުގެ ޖުމްލަ އަކީ 36.9 ބިލިއަން ރުފިޔާއެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން މިއީ 11.1 ޕަސެންޓުގެ ޑެފިސިޓެކެވެ.

ބަޖެޓް ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ މެދުރާސްތާގައި ފުދުންތެރި ދައުލަތެއް ބިނާކޮށް، ކޮވިޑް-19ގެ ގެއްލުންތަކުން އަރައިގަނެ، އިގްތިސާދު ފުޅާކޮށްދޭނެ ބަޖެޓެއް ކަމަށެވެ.

މީގެ އިތުރުން މިއީ އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދައުލަތުގެ ހިދުމަތްތައް ލާމަރުކަޒު ކުރުމާއި ސަރަހައްދީ ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ ބަޖެޓެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް