ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފަށަނީ

މޫދުގައި އޮތް ޕްލާސްޓިކް ކޮތަޅެއް---

ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނަގަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނަގަން ފަށަން ނިންމީ މިދިޔަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެ ޕްލޭންގައި މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ޓެކުހެއް ނަގަން ވަނީ ރާވާފައެވެ.

މި ޓެކްސް ނެގުމަށް އެ ޕްލޭންގައި ކަނޑައަޅާފައިވަނީ، ކޮންމެ ސައިޒެއްގެ ކޮތަޅަކަށް ވެސް ދެ ރުފިޔާއެވެ. މި ޓެކްސް ނަގަން ރާވާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސްއިން ދައުލަތަށް 47.7 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.

މީގެ އިތުރުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ އައު ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ވަނީ އަންދާޒާ ކޮށްފައެވެ.

ބަޖެޓު ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިއަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެެވޭ ކަމަށެވެ.

"މިއަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކަކީ ދައުލަތުގެ މައިގަނޑު ސިޔާސަތުތަކަށް ބާރުދޭ، ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ކަންކަން،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިތުރު ކުރަން ހުށަހަޅާފައިވާ އައު ކަންތައްތަކަކީ؛

  • ދައުލަތުން ހަރަދުކޮށްގެން ހިއްކާފައިވާ ބިން އަމިއްލަ ފަރާތްތަކަށް ވިއްކުން
  • ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފު ކުރުން
  • ރިސޯޓު ތަރައްގީ ކުރުމަށް ރަށް ދޫކުރުން

އޭގެ ތެރެއިން ބިން ވިއްކުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމަށް ބިން ދޫކުރުމަކީ މިއަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ ކަންތައްތަކެވެ. އެހެން ނަމަވެސް އެއީ އެ ސިޔާސަތުތައް ތައާރަފު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ސަބަބުން އަންނަ އަހަރަށް ފަސްކޮށްފައިވާ ސިޔާސަތުތަކެވެ.

މި ކަންކަމުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީ؛

  • ޓޫރިޒަމަށް ބިން ދޫކުރުން: 148 މިލިއަން ރުފިޔާ
  • ރިއަލް އެސްޓޭޓް ޓޫރިޒަމުން: 231.3 މިލިއަން ރުފިޔާ
  • ބިން ވިއްކުން: 300 މިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި، ސަރުކާރުން ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

comment ކޮމެންޓް