ވީއައިއޭގައި އިލެކްޓްރޯނިކް ޗެކިން ހިދުމަތް ތައާރަފު ކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ސަން ފޮޓޯ

އަންނަ އަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިލެކްޓްރޯނިކް ޗެކިން ކައުންޓަރުތަކެއް ތައާރަފު ކުރަން ރާވާފައިވާ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވެއްޖެއެވެ.

މިއަހަރު ރާއްޖެއަށް އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް އިއްޔެ ބޭއްވި ހަފްލާގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ގޯޑަން ވިދާޅުވީ، އަންނަ އަހަރާއި ކުރިއަށް އޮތް ފިނި މޫސުމުގެ ޕީކު ދުވަސްވަރު ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވާނެތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތައް ހަރުދަނާ ކުރަމުންދާ ކަމަށެވެ.

"ކުރިއަށް އޮތް ފިނި މޫސުމުގެ ޕީކާ ދިމާކޮށް އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. ޕީކަށް ބޭނުންވާ ވަރަށް ޗެކިން ޑެސްކުތައް އިތުރު ކުރެވޭނެ." ގޯޑަން ވިދާޅުވިއެވެ.

މީގެ އިތުރުން އެއާޕޯޓު ބާރުބޮޑުވާ ދުވަސްވަރު ހިދުމަތް ދޭން މަދުވާ ވަސީލަތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި ވަސީލަތް ހޯދުމަށް ޓަކައި އެތައް ހާސް ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ވެސް ގޯޑަން ވިދާޅުވިއެވެ.

ހަމައެއާއެކު އަންނަ އަހަރު މެދެއްހާ ހިސާބުގައި ވީއައިއޭއަށް އިލެކްޓްރޯނިކް ޗެކިން ކައުންޓަރުތައް ތައާރަފު ކުރަން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިލިއަނަކަށް އަރާފައިވާއިރު، މިހާރު ދުވާލަކު އެވްރެޖުކޮށް 4،494 ފަތުރުވެރިން ރާއްޖެއަށް އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް