ޓްރީޓޮޕްގެ ހާއްސަ ހެލްތު ކޭމްޕެއް އުނގޫފާރުގައި

ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕެއް ރ.އަތޮޅަށް ހުޅުވާލައިގެން އެ އަތޮޅު އުނގޫފާރުގައި ކުރިއަށްގެންދަން ފަށައިފިއެވެ.

މި ކޭމްޕު އިއްޔެ ފަށާފައިވާއިރު ކޭމްޕު ކުރިއަށް ދާނީ މިއަދުގެ ނިޔަލަށެވެ.

މި ހެލްތް ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކަށީގެ ހާއްސަ ޑޮކްޓަރުންނާއި އުރަމަތީގެ ކެންސަރުގެ ހާއްސަ ޑޮކްޓަރުން ހަރަކާތްތެރިވާނެއެވެ.

އަދި ނޭވާލާ ނިޒާމުގެ ހާއްސަ ޑޮކްޓަރުންނާއި ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހަރަކާތްތެރިވާނެއެވެ.

މި ކޭމްޕުގެ ތެރެއިން ބަލިމީހުންނަށް ހެލްތް ސްކްރީނިން ހެދުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އިތުރު ފަރުވާ ބޭނުންވާ މީހުންނަށް ރިފަރަލް ހަމަޖައްސައިދިނުމުގެ އިންތިޒާމު ވެސް ހަމަޖެހިފައި އޮންނާނެކަމަށް ޓްރީޓޮޕުން ބުންޏެވެ.

ޓްރީ ޓޮޕުން ބުނީ މި ހެލްތު ކޭމްޕުގެ ތެރެއިން ވީހާ ވެސް ގިނަ ބަޔަކަށް ހެލްތު ސްކްރީނިންގެ ހިދުމަތް ދިނުމަކީ އެ ހޮސްޕިޓަލުގެ އަމާޒެއްކަމަށެވެ.

ހެލްތް ކޭމްޕުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ ޑރ. މުހައްމަދު ހަބީބާއި، ކޮންސަލްޓަންޓް އީ.އެން.ޓީ ޑރ. ޗަންދުރަޝޭކަރު ރަވަލް ހިމެނެއެވެ.

އަދި ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. އަލީ މުޒްނީއާއި، ކޮންސަލްޓަންޓް ޖެނެރަލް ސާޖަރީ އަދި އުރަމަތީގެ ސަޖަރީއަށް ހާއްސަ ޑރ. ނީޒާ ހަލީމާއި ކޮންސަލްޓަންޓް ރެސްޕިރޭޓޮރީ މެޑިސިން ޑރ. ރަގުލާން ރާޖަލިންގަމްގެ އިތުރުން ޔުރޯލޮޖީ ކޮންސަލްޓަންޓް ޑރ. މެހްމަތް އޯޑާ ހިމެނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ.

އެގޮތުން މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

comment ކޮމެންޓް