މާލޭ ޤާޟީންނާއި ރަށްރަށުގެ މެޖިސްޓްރޭޓުން

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާޙު ކުރުމުގެ ވާހަކަ އަކީ ވަރަށް މުހިއްމު، އަދި އެހައިމެ ތައުގީދު ވާހަކައެކެވެ. އޭގެ ތެރޭގައި އެތައް މައްސަލަތަކަކާއި އެތައް ކަންތައްތަކެއް ހިމެނޭ ވާހަކައެކެވެ. އިޞްލާޙު ކުރާން ޖެހޭ ގިނަ ކަންތައްތަކެއް ހުރި އިރު، އޭގެ ތެރެއިން ބައެއް ކަންކަމަކީ ޖައުހަރީ އަދި މައުޟޫޢީ ކަންކަމެވެ. ބައެއް ކަންކަމަކީ ސޫރީ ކަންކަމެވެ. ބައެއް ކަންކަމަކީ، ދިވެހި ދައުލަތުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ މުޅި އަސާސް އެ ކަންކަމުގެ މައްޗަށް އެކުލެވި ބިނާ ވެފައި ހުރި ކަންކަމެވެ. ބައެއް ކަންކަމަކީ ނިޒާމު ޒަމާނީ ކުރުމާއި އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި ގެނެވޭ، ކޮންމެހެން ޟަރޫރީ ނޫން ކަންކަމެވެ.

މި ދެންނެވި ފަދަ އެތައް ކަމެއްގެ ތެރެއިން، މި ކޮލަމުގައި އަޅުގަނޑު ފާހަގަ ކޮށްލާނީ މާލޭގައި ހުންނަ ދަށުކޯޓުތަކަކީ ރަށްރަށުގައި ހުންނަ ދަށުކޯޓުތަކަށް ވުރެ މަތީ ދަރަޖައެއްގެ ކޯޓުތަކެއް ކަމަށް ކަނޑައެޅުމާއި، މާލޭގައި ހުންނަ ދަށުކޯޓުތަކުގެ ފަނޑިޔާރުކަމަށް ޝަރުޠު ހަމަ ވާ މިންވަރަށް ވުރެ ދަށް މިންގަނޑަކުން ރަށުގައި ހުންނަ ދަށުކޯޓުތަކުގެ ފަނޑިޔާރުކަމަށް ޝަރުޠު ހަމަ ވުމުގެ މައްސަލައެވެ. ދަށުކޯޓުތަކަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓު ފިޔަވައި، ދެން ހުންނަ ޝަރީޢަތް ކުރާ ކޯޓުތަކެވެ.

މި ދަންނަވާ މައްސަލައިގެ ކުޑަކުޑަ ތަފްޞީލަކަށް ދާ ނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހިރާއްޖޭގެ ދަށުކޯޓުތައް ބެހިގެން ވަނީ ދެ ގިންތިއަކަށެވެ. އެއީ ދަށުކޯޓުތަކުގެ މަތީ ގިންތި އާއި، ދަށުކޯޓުތަކުގެ ތިރީ ގިންތިއެވެ. ހަމަ އެ މާއްދާގެ (ނ) ގެ ދަށުން، ދަށުކޯޓުތަކުގެ މަތީ ގިންތިއަކީ މާލޭގައި ހުންނަ ސުޕީރިއަރ ކޯޓުތަކެވެ. އެއީ، މާލޭގައި މި ހުންނަ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓެވެ. އެ މާއްދާގެ (ރ) ގެ ދަށުން އަދި ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން، ދަށުކޯޓުތަކުގެ ތިރީ ގިންތީގެ ކޯޓުތަކަކީ ރަށްރަށުގައި ހުންނަ މެޖިސްޓްރޭޓް ކޯޓުތަކެވެ. ކޯޓުތަކާ ބެހޭ ޤާނޫނުގެ 53 ވަނަ މާއްދާ އާއި، މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން، ސުޕީރިއަރ ކޯޓުތައް ހުންނަނީ މާލޭގައެވެ. ސުޕީރިއަރ ކޯޓުގެ ޑިވިޜަންތައް ރަށްރަށުގައި ޤާއިމު ކުރުމުގެ ދޮރު، ޤާނޫނުގައި ވަނީ ހުޅުވިފައެވެ. ނަމަވެސް މުހިއްމު ނުކުތާއަކީ، ޤާނޫނުން މާލޭގައި ސުޕީރިއަރ ކޯޓުތަކެއް ޤާއިމު ކޮށް، ރަށްރަށުގައި އެއަށްވުރެ ދަށު ގިންތިއެއްގެ ކޯޓުތަކެއް މެޖިސްޓްރޭޓް ކޯޓުތަކުގެ ނަމުގައި ޤާއިމު ކޮށްފައި ވާ ކަމެވެ. މީގެ ސަބަބުން ރައްޔިތުންގެ ނިސްބަތުގައި އަންނާނޭ ތަފާތަކީ ކޮބައިތޯ، މިއީ އެންމެ މުހިއްމު ސުވާލެވެ. ރައްޔިތުންގެ ނިސްބަތުގައި އަންނާނޭ ތަފާތަކީ، މައްސަލައެއް ހިފައިގެން މާލޭގައި ހުންނަ ދަށުކޯޓަށް ދާ މީހެއްގެ މައްސަލަ ބަލާ ކޯޓާއި، ހަމަ އެ މައްސަލަ ހިފައިގެން ރަށެއްގައި ދަށުކޯޓަށް ދާ މީހާގެ މައްސަލަ ބަލާ ދެ ކޯޓަކީ ދެ ގިންތިއެއްގެ، ދެ ފެންވަރެއްގެ ދެ ކޯޓު ކަމަށް ވުމެވެ. ދެ ދަރަޖައެއްގެ ދެ ކޯޓު ކަމަށް ވުމެވެ.

ދެން އޮތީ، ކޯޓުތަކުގެ ޤާނޫނުގެ ދެންނެވުނު މާއްދާތަކުގެ ދަށުން މާލެ އާއި ރަށްރަށުގައި ހުންނަ ދަށުކޯޓުތަކުގެ ވަންސަވަރީ ދަރަޖަ ނުވަތަ "ހަޔަރާރކިކަލް ރޭންކިންގ" ތަފާތު ކުރުމާ އެކު، އެ ތަފާތު އިތުރަށް ބޮޑު ކުރުމަށް ޓަކައި ޤާނޫނުން އިތުރަށް ކަނޑައަޅައިފައި އޮންނަ އުޞޫލުގެ ވާހަކައެވެ. އިސް ވެ އިޝާރާތް ކުރެވުނު ފަދައިން، މި ދެ ދަރަޖައިގެ ދެ ކޯޓުގެ ފަނޑިޔާރުންގެ ޝަރުޠު ވެސް ތަފާތެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން، މާލޭގައި ހުންނަ ދަށުކޯޓުގެ ފަނޑިޔާރުކަމަށް މީހަކު ޝަރުޠު ހަމަ ވަނީ، ތަޢުލީމީ ގޮތުން ބަލާ ބެލުމުގައި ފުރަތަމަ ޑިގްރީއެއް އޮތުމުންނެވެ. އެއާ ޚިލާފަށް، ރަށްރަށުގައި ހުންނަ ދަށުކޯޓުތަކަށް ޑިޕްލޮމާއެއް އޮތުމުން ވެސް ޝަރުޠު ހަމަ ވެއެވެ. އާދެ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ގިންތިއެއްގެ ދަށުކޯޓާއި މަތީ ދަރަޖައެއްގެ ފަނޑިޔާރެކެވެ. ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެއަށްވުރެ ދަށު ގިންތިއެއްގެ ދަށުކޯޓާއި ފެންވަރުގެ ގޮތުން ވެސް ދަރަޖަ ދަށް ފަނޑިޔާރެކެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ ބުނާ ގޮތުގައި، ޤާނޫނުއަސާސީން ކަށަވަރު ކޮށްދޭ ޙައްޤުތަކާއި މިނިވަންކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމުގައި، އެއްވެސް ދެ ރައްޔިތެއްގެ ދެމެދުގައި ތަފާތު ކުރެވިގެން ނުވާނެއެވެ. ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ، ޤާނޫނުގެ ކުރިމަތީގައި، އަދި ޤާނޫނުގެ ރައްކައުތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތައް ލިބިދިނުމުގައި އެންމެން ހަމަހަމަ ވާނޭ ކަމަށެވެ.

ޤާނޫނުއަސާސީގެ ވަކި މާއްދާއެއްގައި، ހުރިހައި ރައްޔިތުންނަށް ޢަދުލުއިންޞާފުގެ ޙައްޤު ހަމަހަމަ ގޮތެއްގައި ކަށަވަރު ކޮށްދެވިގެން ވެޔޭ މިފަދައިން ޞަރީޙަ ޢިބާރާތުން ލިޔެފައި ނެތް ކަމުގައި ވިޔަސް، އެއްވެސް ބަޙުޘަކަށް ޖާގަ ނެތް މިންވަރަށް ސާފު ވެގެން ވާ ކަމަކީ، ޢަދުލުއިންޞާފުގެ ނިޒާމުގެ ޚިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތު ކޮށްގެން ނުވާނޭކަމެވެ. މި ބަހަށް ޤާނޫނުއަސާސީގެ 62 ވަނަ މާއްދާއިން އިތުރު ބާރު ވެސް ލިބެއެވެ. އެހެންކަމުން، ދަށުކޯޓުތަކުގެ ޚިދުމަތް ދިނުމުގައި، މާލެ އާއި ރަށްރަށުގެ ރައްޔިތުންގެ މެދުގައި ކުރީން ދެންނެވި ފަދަ ތަފާތުކުރުމެއް ގެންގުޅުމަކީ ޤާނޫނުއަސާސީ ހުއްދަ ކުރާ ކަމެއްތޯ ނުވަތަ ނޫންތޯ، މިއީ އަޅުގަނޑު ހިތުން އުފައްދާން ޖެހޭ ސުވާލެކެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓު ވެސް ހުންނަނީ މާލޭގައިކަން އަޅުގަނޑު ހަނދާން ނައްތައެއްނުލަމެވެ. ނަމަވެސް މި ދެ ކޯޓަކީ ދަށުކޯޓުތަކާ ތަފާތު ދެ ކޯޓެވެ. މިއިން އެއްވެސް ކޯޓަކީ ކޮންމެ ރަށެއްގައި އޭގެ ކޯޓެއް ހުރުން ލާޒިމު ވާ، ނުވަތަ ލާޒިމު ކުރުވޭނޭ ކޯޓެއް ނޫނެވެ. މި ކޯޓުތަކުގެ ޚިދުމަތް މާލެ އާއި ރަށްރަށުގެ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ދިނުމަށް ޓަކައި ތަފާތު އެހެން އުޞޫލުތަކެއް ހަމަޖެއްސުމަކީ ނެތް ކަމެއް ނޫނެވެ. ނަމަވެސް އެ ބަޙުޘަށް މި ވަގުތު ނުދަމާ ހިންގަވާށެވެ. ކޮންމެ ގޮތެއްގައި ވެސް، ޢަދުލުއިންޞާފުގެ ނިޒާމު ޤާއިމު ކުރުމުގައި ޢަމަލު ކުރެވޭ އުޞޫލުތަކާއި ހަމަތަކުގެ މަތީން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ސުޕްރީމް ކޯޓަކާއި ހައިކޯޓެއް ބެހެއްޓުމުގެ ވާހަކައެއް ނުދެއްކޭނެއެވެ. އެ ދެ ކޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ހަމަހަމަ ގޮތެއްގައި ދިނުމަށް ޓަކައި ހޯދާން ޖެހޭނީ ދަށުކޯޓުތަކާ ތަފާތު ޙައްލެކެވެ.

ނަމަވެސް ދަށުކޯޓުތަކުގެ ވާހަކަ ދައްކާ އިރު، ކުރީން ވެސް ދެންނެވި ފަދައިން މާލޭގެ ރައްޔިތުންނަށް މަތީ ގިންތިއެއްގެ ކޯޓާއި މަތީ ދަރަޖައެއްގެ ފަނޑިޔާރުންގެ ޚިދުމަތް ދީފައި، ރަށްރަށުގެ ރައްޔިތުންނަށް ދަށު ފަންތިއެއްގެ ކޯޓާއި ދަރަޖައިން ދަށް ފަނޑިޔާރުންގެ ޚިދުމަތް ދިނުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމަކަށް ނުވާނެބާވައޭ، މިއީ ހަމަ ކުރާން ޖެހޭ ސުވާލެކެވެ. ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ ޝަރުޠުގެ ތަފާތު ވުމުގެ ނަތީޖާއަށް ބަލާ އިރު، ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުކަމަށް އަންނާނީ އެންމެ މަދު ވެގެން ވެސް ތިން އަހަރު، ނުވަތަ ހަތަރު އަހަރު، ނުވަތަ ފަސް އަހަރު ވާންދެން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ކިޔަވައިފައި ހުންނަ މީހެކެވެ. ނަމަވެސް މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުކަމަށް އެއް އަހަރު، ނުވަތަ ދޮޅު އަހަރު، ނުވަތަ ދެ އަހަރު ކިޔަވައިލައިގެން އައުދެވިދާނެއެވެ. ހުރިހައި ފަހަރަކު އެއް ގޮތަކަށް ކަންކަން ނުވިޔަސް، ޢާއްމުކޮށް ކަން ހިނގާ ގޮތަށް ބަލަންޏާ، މި ތަފާތުގެ ނަތީޖާއަކަށް ވާނީ މާލޭގައި ހުންނަ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ޢިލްމީ ފެންވަރު، ރަށްރަށުގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް ވުރެ ރަނގަޅު ވުމެވެ. ޢާއްމު ނަޒަރަކުން ބަލާ އިރު އޭގެ ނަތީޖާއަކަށް ވާނީ، މާލޭ ކޯޓުތަކުން ލިބިދޭ ޢަދުލުއިންޞާފުގެ "ފެންވަރު" ރަނގަޅު ވުމާއި، ރަށްރަށުގެ ކޯޓުތަކުން ލިބިދެވޭ ޢަދުލުއިންޞާފުގެ "ފެންވަރު" ދަރަޖައެއް ދަށް ވުމެވެ. ހަމަ ޔަޤީނުން ވެސް، ޤާނޫނީ ގޮތުން މާލޭގައި ހުންނަ ދަށުކޯޓުތަކާއި ރަށްރަށުގެ ދަށުކޯޓުތަކުގެ ދަރަޖަ އާއި ފަނޑިޔާރުންގެ ފެންވަރު ކަނޑައެޅިފައި އެ އޮންނަނީ، މި ދެންނެވި ތަފާތު އަޔަސް މައްސަލައެއް ނެތް ކަމުގެ ވިސްނުމުގެ މައްޗަށެވެ. ޢަމަލީ ގޮތުން އެ ތަފާތު ހުރިހައި ފަހަރަކު ނައި ކަމަށް ވިޔަސް ވެހެވެ. އެހެން ކަމުން ސުވާލު އުފެދެނީއެވެ. މިއީ ހަމަ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާއާ ޚިލާފު ނުވާނޭ ކަމެއް ބާވައެވެ!

މާލޭގައި ހުންނަ ދަށުކޯޓުތަކާއި ރަށްރަށުގައި ހުންނަ ދަށުކޯޓުތަކުގެ މެދުގައި މި ދެންނެވި ތަފާތު ގެނެވުނު ސަބަބުގެ މައްޗަށް ވެސް ބަލައިލެވިދާނެއެވެ. އޭގެ ސަބަބަކީ، މާލޭގެ އާބާދީ ބޮޑު ވުމާއި، މާލޭގެ ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް ގިނަ ވުމާއި، އެ މައްސަލަތަކުގެ ތައުގީދުކަން ވެސް ޢާއްމު ގޮތެއްގައި ބޮޑު ވުމެވެ. ނަމަވެސް މިއީ އަޅުގަނޑު އިޝާރާތް މި ކުރާ ފަދަ ތަފާތު ކުރުމެއް ތަބްރީރު ކުރެވިދާނޭ އަސާސެއް ކަމަށް ވެދާނޭތޯއެވެ؟ މާލޭގައި މައްސަލަތައް ގިނަ ނަމަ، މައްސަލަތަކުގެ ނިސްބަތުން މާލޭގެ ދަށުކޯޓުތަކުގައި ފަނޑިޔާރުން އިތުރު ކުރުމަކީ ކުރެވޭނޭ އަދި ކުރާން ޖެހޭނޭ ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ. ނަމަވެސް، މާލޭގެ ކޯޓުތަކަށް ހުށައެޅޭ މައްސަލަތަކުގެ ތެރޭގައި ތައުގީދު ނުވަތަ އުނދަގޫ މައްސަލަތައް ގިނައޭ ބުނެ، މާލޭގެ ދަށުކޯޓުތަކުގެ ފަނޑިޔާރުންނާއި ރަށްރަށުގެ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ޢިލްމީ ފެންވަރު ތަފާތު ކުރުމަކީ ކޮށްގެން ވާނޭ ކަމެއް ކަމަކަށް ނުފެނެއެވެ. މިސާލަކަށް، ރަށެއްގެ ކޯޓަކަށް ތައުގީދު މައްސަލައެއް އަތުވެއްޖެއްޔާ ހަދާނީ ކިހިނެއްތޯއެވެ؟ މިހާރު ކޯޓުތަކާ ބެހޭ ޤާނޫނުގައި ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައަޅައިފައި ހުރި އިރު، ރަށްރަށުގައި ހުންނަ ދަށުކޯޓުތަކުން ބައެއް ކަހަލަ ތައުގީދު މައްސަލަތައް ނުބެލޭ ގޮތަށް ހަދައިފައި ވެސް އޮވެއެވެ. ނަމަވެސް، މައްސަލައެއް ތައުގީދު ނުވަތަ އުނދަގޫ މައްސަލައަކަށް ވަނީ ހުރިހައި ފަހަރަކު، އެ މައްސަލައިގައި ހިމެނޭ ކުށުގެ ބާވަތުން، ނުވަތަ މައްސަލައިގައި ހިމެނޭ ފައިސާގެ ޢަދަދުގެ ބޮޑުކުޑަމިނަކުން ނޫނެވެ. އެހެންކަމުން، ބައެއް ކަހަލަ ކުށްތަކާއި، ވަކި ވަރަކަށް ވުރެ ބޮޑެތި ޢަދަދުތަކުގެ ފައިސާގެ މައްސަލަތައް ރަށްރަށުގެ ކޯޓުތަކުން ނުބެލޭ ގޮތަށް ބޭއްވުމަކީ، ރަށްރަށުގެ ދަށުކޯޓުތަކަށް ތައުގީދު މައްސަލަތައް ނުދާނޭ ކަމުގެ ގަރަންޓީއެއް ނޫނެވެ. މީގެ އިތުރަށް، މި ކަން ކޮންމެ ގޮތަކަށް އޮތަސް، އެއް ކަހަލަ މައްސަލަތަކެއް ހިފައިގެން މާލޭގައި ހުންނަ ދަށުކޯޓަށް ދާ ރައްޔިތު މީހާ އާއި ރަށެއްގެ ދަށުކޯޓަށް ދާ މީހާއަށް ލިބޭ ޢަދުލުއިންޞާފުގެ "ކޮލިޓީ" ތަފާތު ވެދާނޭ ގޮތަށް، ނުވަތަ ތަފާތު ވިޔަސް ހެޔޮކަމުގެ ފަލްސަފާގެ މައްޗަށް، ނިޒާމު ބިނާ ކޮށްފައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމަށް ނުބެލެވެއެވެ.

މިސާލަކަށް، މާލޭގައި ހުންނާނީ ހަސްފަތާލު ކަމަށާއި، އެ ތަނުގައި ތިބޭން ވާނީ ފަސް އަހަރު ކިޔަވައިގެން އެމްބީބީއެސް ހަދައިގެން ތިބޭ މީހުން ކަމަށް ކަނޑައަޅައިފައި، ރަށްރަށުގައި ހުންނާނީ ކްލިނިކުތައް ކަމަށާއި އެ ތަންތަނުގައި ދެ އަހަރުގެ ޞިއްޙީ އެހީތެރިކަމުގެ ޑިޕްލޮމާއެއް ނުވަތަ ތިން އަހަރުގެ ޞިއްޙީ އެހީތެރިކަމުގެ ޑިގްރީއެއް ހަދައިގެން ތިބޭ މީހުންނޭ ބުނެ ޤާނޫނު ލިޔުމަކީ، ތަފާތު ކުރުން ކަމަށް ނުވާނޭތޯއެވެ؟

އަޅުގަނޑު ވާހަކަ މި ދެއްކީ ހަމައެކަނި ރައްޔިތުންގެ ނަޒަރުންނެވެ. ހަމަ މި މައްސަލައާ މެދު ފަނޑިޔާރުންގެ ނަޒަރުން ވެސް ގިނަ ވާހަކަތަކެއް ދެއްކިދާނެއެވެ. އެއް ވާހަކަ ފާހަގަ ކުރަމާ ހިންގަވާށެވެ! މާލޭގައި ހުންނަ ޑްރަގް ކޯޓުގެ ފަނޑިޔާރަކަށް، އޭނާ އަކީ ދަށުކޯޓުތަކުގެ މަތީ ގިންތީގެ ކޯޓެއްގެ ފަނޑިޔާރަކަށް ވީތީ، އަދި އޭނާއަކީ ފަނޑިޔާރުކަމުގައި ރަށްރަށުގެ މެޖިސްޓްރޭޓުންނަށް ވުރެ ދަރަޖައެއް މަތީ މީހަކަށް ވާތީ، މާ ބޮޑު މުސާރަ ލިބެއެވެ. ނަމަވެސް ޑްރަގް ކޯޓުގެ ފަނޑިޔާރަކަށް ވުރެ އެތައް ގުނައެއް ގިނަ މައްސަލަތައް ބަލައި، މައްސަލަތައް ބެލުމަށް ޓަކައި ކޮންމެ މަހަކު އަތޮޅުތެރޭގައި ކަނޑުދަތުރުތައް ކުރުން ފަދަ އެތައް ތަކުލީފެއް އިތުރަށް އުފުލާ މެޖިސްޓްރޭޓަށް ލިބެނީ ނިސްބަތުން ވަރަށް ބޮޑުތަން ކުޑަ މުސާރައެކެވެ. އޭނާގެ ކޯޓުގެ ދަރަޖަ އާއި އޭނާގެ ފަނޑިޔާރުކަމުގެ ގިންތި ދަށް ވުމުގެ ސަބަބުންނެވެ. މިއީ ހަމަ ޢަދުލުއިންޞާފާއި ހަމަހަމަކަން ބާވައެވެ! މިއީ ނުޙައްޤު ތަފާތު ކުރުމަކަށް ނުވާނޭ ބާވައެވެ!

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ގެންނާން ޖެހޭ އިޞްލާޙުތަކުގެ ތެރެއިން އެއް އިޞްލާޙަކީ، ދަށުކޯޓުތަކުގެ ނިޒާމުގައި ހުރި މި ދެންނެވި މައްސަލަތައް ޙައްލު ކުރުން ކަމަށް އަޅުގަނޑަށް ފެނެއެވެ. ހަމަ ޔަޤީނުން ވެސް، މިއީ އަޅުގަނޑުމެން އެ މައްސަލައަކާ މެދު މަޝްވަރާ ކޮށް ވާހަކަ ދައްކާން ޖެހޭ މައްސަލައެއް ކަން ޔަޤީނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް