ޔޫއޭއީގެ ދަތުރުފުޅަށްފަހު ރައީސް ސްކޮޓްލެންޑަށް، ފަސްޓްލޭޑީ ރާއްޖެއަށް

ރައީސްގެ ދެކަނބަލުން، ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަފުޅުދައްކަވާފައެވެ. އަދި އެމަނިކުފާނު ވަނީ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވެސް ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ އާއިލާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން މިއަދު ވަޑައިގެންނެވީ ރާއްޖެއަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މާދަމާ ދުބާއީއިން ސީދާ ފުރާވަޑައިގަންނަވަނީ، ކުރިއަށް އޮތް ނޮވެންބަރު މަހު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އެކްސްޕޯ 2020 އަކީ މުޅި ދުނިޔެއަށް އަމާޒުކޮށް ކޮންމެ ފަސް އަހަރަކުން ބާއްވާ އިވެންޓެކެވެ. މި އިވެންޓް މިފަހަރު ކުރިއަށްގެންދަނީ އެކެއް އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 އަށް ދުބާއީގައެވެ.

މި އެކްސްޕޯ ކުރިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 އޮކްޓޯބަރު 2020 އިން 10 އެޕްރީލް 2021 އަށެވެ. އެހެންނަމަވެސް ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން މި އެކްސްޕޯ ކުރިއަށްގެންދިއުން ލަސްކުރެވުނީއެވެ.

މި ފަހަރު މި ބާއްވާ އެކްސްޕޯ 2020 ދުބާއީ ގެ ޝިއާރަކީ 'ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ' އެވެ.

ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި މުޅި ދުނިޔެއިން 192 ގައުމު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް