ބާސެލޯނާގެ ވަގުތީ ކޯޗަކަށް ސާޖީ ބާރްޚުއަން ހަމަޖައްސައިފި

ބާސެލޯނާގެ ވަގުތީ ކޯޗު ސާޖީ ބާރްޚުއަން ---

ރޭ ސްޕެނިޝް ލީގުގައި ކުޅުނު މެޗުން ބަލިވުމާއެކު ބާސެލޯނާގެ ކޯޗަކަށް ހުރި ރޮނާލްޑް ކޫމަން މަގާމުން ވަކިކުރުމާ ގުޅިގެން ހުސްވެފައިވާ ކޯޗުގެ މަގާމަށް ވަގުތީ ކޯޗަކު ހަމަޖައްސައިފައެވެ.

ބާސެލޯނާއިން މިއަދު ހަވީރު އެ ޓީމުގެ އިންޓެރިމް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ބާސެލޯނާގެ ބީ ޓީމަށް މިހާރު ކޯޗުކަން ކޮށްދެމުން އަންނަ ސާޖީ ބާރްޚުއަންއެވެ. ބާސެލޯނާގެ މި ނިންމުން އެކުލަބުން ނިންމީ މިވަގުތަށް ދާއިމީ ކޯޗެއް ނެތުމާއެކު ކުރިއަށް މުހިއްމު ގިނަ މެޗުތަކެއް ހުރުމުންނެވެ.

"ސާޖީ ބާރްޚުއަންއާއެކު ބާސެލޯނާއިން އެއްބަސްވުން ހަދާފައިވަނީ ރަސްމީ ކޯޗެއް ކުލަބަށް ލިބެންދެން. އޭނާ މިއަދުން ފެށިގެން ޓީމާއެކު މަސައްކަތް ފަށާނެ." ބާސެލޯނާއިން މިއަދު ބުނެފައިވެއެވެ.

ބާރްޚުއަންއަށް ބާސެލޯނާގެ ސީނިއާ ޓީމާއެކު ފުރަތަމަ މެޗެއް ކުޅެން އޮތީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ ހޯމް ސްޓޭޑިއަމުގައި އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ރޭގެ ބައްޔަށް ފަހު ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ވަނީ، "ރަޔޯ ވަޔެކާނޯއާ ކުޅެ ބަލިވި މެޗަށް ފަހު، ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ މި ނިންމުން [މަގާމުން ވަކިކުރިކަން] ކޫމަން އަށް އަންގާފައި"ވާ ކަމަށެވެ.

އުމުރުން 58 އަހަރުގެ ކޫމަންއާ އެކު ބާސެލޯނާ މި ސީޒަނުގައި މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. ތިން މެޗުން ބަލިވެފައި ވާއިރު މޮޅުވީ ހަތަރު މެޗުންނެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ވަނީ ފުރަތަމަ ދެ މެޗުން ވެސް ބަލިވެފައެވެ.

comment ކޮމެންޓް