މާޒިޔާއާއެކު ކާމިޔާބު ހޯދުމަކީ ކުރަން ޖެހޭނެ ކަމެއް، މިއީ ވަރުގަދަ ޗެލެންޖެއް: މޯހަން

މާޒިޔާގެ ކޯޗުކަމުގެ މަގާމަށް މޯހަން ހަމަޖެއްސުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ//އަހުމަދު އައިމަން

މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ރަނގަޅަށް އޮގަނައިޒް ކުރަމުން އަންނަ ކުލަބު ކަމަށާއި، މި ކުލަބުގައި ކާމިޔާބު ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް މާޒިޔާގެ ކޯޗުކަމާ އަލަށް ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މިއަދު ހުޅުމާލޭ އަކާސިއާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މޯހަން މާޒިޔާގެ ކޯޗުކަމާ ރަސްމީކޮށް ވަނީ ހަވާލުވެ، ސޮއިކޮށްފައެވެ. މާޒިޔާއާ އެކު މޯހަން ސޮއިކޮށްފައި ވަނީ އެއް ސީޒަނުގެ ކޮންޓްރެކްޓެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މޯހަން ބުނީ މާޒިޔާއަކީ އޭނާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކުލަބެއް ކަމަށާއި، މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާއަށް މާޒިޔާއިން ހުށައެޅުންތައް އައިސްފައިވާ ކަމަށެވެ.

"މިފަހަރު ލިބުނު ހުށަައެޅުމާއެކު އަޅުގަނޑު ވެސް ހުހަށް ހުރި ވަގުތަކާ ދިމާވުމާއެކީގައި ދެން ހިތަށް އެރީ މިއަށް ވުރެން ރަނގަޅު ފުރުސަތެއް ނުލިބޭނޭ. މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މޮޅު ކުލަބު،" މޯހަން ބުންޏެވެ.

މޯހަން ބުނީ މާޒިޔާގެ ކޯޗުކަމާ ހަވާލުވުމަކީ އޭނާއަށް ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ. ސަބަބަކީ މާޒިޔާއަކީ އަބަދުވެސް ތަށްޓަށް އަމާޒުހިފާފައިވާ ކުލަބެއް ކަމަށާއި، މި ކުލަބުގައި ކާމިޔާބީ އަކީ ކޮންމެހެން ވެސް ހޯދަން ޖެހޭނެ އެއްޗެއް ކަމަށެވެ.

"ނެޝަނަލް ޓީމާއެކު ލިބިފައި ހުރި ތަޖުރިބާގެ އަލީގައި އިންޓަނޭޝަނަލީ މުބާރާތްތަކުގައި މާޒިޔާއާއެކު ކުރިއަށް ދިއުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެން."

މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު މި ރަސްމިއްޔާތުގައި ބުނީ، ދިވެހި ކޯޗަކާ އެކު މަސައްކަތް ކުރުމަކީ މާޒިޔާއިން ވެސް ބޭނުންވާ ގޮތް ކަމަށެވެ. އަދި މިއީ ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

"ކޮންމެ ދިވެއްސަކު ވެސް އެދޭނީ ދިވެއްސަކަށް ރަނގަޅު ގޮތެއް ވާން ކަންނޭންގެ. އަޅުގަނޑުމެން މި ބަލަނީ ދިވެހި ކޯޗަކަށް ރަނގަޅު މުސާރައެއް ދީގެން ކުރިއެރުވޭތޯ. ދިވެހި ކޯޗުންނާ އެކު އިތުރު ހަރުފަތަކަށް ދެވުން ބޭނުމަކީ." މާޒިޔާގެ ޗެއާމަން ބުންޏެވެ.

comment ކޮމެންޓް