ޓުއާ ގައިޑަކަށް ހެދިގެން ޓޫރިސްޓެއްގެ އަތުން ފައިސާ ވަގަށްނެގި މީހާ ހައްޔަރުކޮށްފި

ތަންވީރު އިސްލާމް -- ފޮޓ/ ޕޮލިސް

ޓުއާ ގައިޑެއްކަމަށް ބުނެ ފަތުރުވެރިޔަކަށް ހިދުމަތް ދީ، އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނަގައިގެން ފިލި މީހާ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުން އައީ ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ތަންވީރު އިސްލާމް އެވެ.

ފުލުހުން ބުނީ 28 އަހަރުގެ ތަންވީރު އިސްލާމް ހައްޔަރުކޮށްފައިވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މިދިޔަ އާދިއްތަ ދުވަހު މާލެއިން ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ އިތުރުން ވެސް ތަންވީރު އިސްލާމްއަށް ތުހުމަތުތަކެއް ކުރެވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ކުރިން ވެސް ތަންވީރު އިސްލާމްއަށް ތުހުމަތުކުރެވޭ އިތުރު ތިން މައްސަލައެއް ވެސް ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ތިން މައްސަލައެއް ކަމެއް ހާމައެއް ނުކުރެއެވެ.

ފަތުރުވެރިއެއްގެ އަތްދަބަހުން ފައިސާތަކެއް ވަގަށް ނަގައިގެން ފިލިކަމުގެ ތުހުމަތަށް، އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދުނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ފަތުވެރިޔާގެ ދަބަހުން ތަންވީރު، ފައިސާ ވަގަށް ނަގައިގެން ފިލީ، އެ ފަތުރުވެރިޔާއާއެކު ޓުއާ ގައިޑެއްގެ ގޮތުގައި އުޅުމަށްފަހު، ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތުގައެވެ.

comment ކޮމެންޓް