މިސްކިތަށާއި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މީހާއަށް ދައުވާ ކުރަން ފޮނުވައިފި

މާޗް 23، 2021: ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމީ މަރުކަޒާއި، ރައީސް އޮފީހުގެ އިތުރުން ހުކުރު މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ މީހާގެ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކޮށްދިނުމަށް އެދި ޕްރެސެކިއުޓާ ޖެނެރަލް(ޕީޖީ)އަށް ފޮނުވައިފިއެވެ.

އެ މައްސަލައިގައި މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ މ. ޝޭޑީ ހޯމް، އުމުރުން 40އަހަރުގެ ހަސަން ޒިޔާދެވެ.

މި މައްސަލައިގައި ޒިޔާދަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވައިފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި މިމަހުގެ 13 ވަނަ ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މި މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް، 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުުރުކޮށްފައިވެއެވެ.

އެހެންކަމުން، މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ތަހުގީގު ނިމުމާއެކު މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ ދޫކޮށްލައިފައެވެ.

އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އޭނާގެ ކިބައިގައި ނަފްސާނީ ބަލީގެ އިތުރު މައްސަލައެއް ހުރިތޯ ބަލާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އިސްލާމީ މަރުކަޒުގައި ނަމާދަށް ތިއްބާ މީހަކު މިސްކިތުގެ ތެރެއަށް ވަދެ ކުޑަކަމުގޮސްފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މި މަހުގެ ތިންވަނަ ދުވަހެވެ.

މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ ގިނަ ކަންތައްތަކެއްގެ މައްސަލަ މީގެ ކުރިން ވެސް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ފިރިހެނެއް ވަތް މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެެވެ. އެއާއެކު އެއީ ވެސް ނަފްސާނީ މައްސަލައެއް ހުރި މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް