ކޮވިޑް ޖެހިގެން އިތުރު މަރެއް، އައްޑޫއިން މި މަހުގެ ފަސް ވަނަ މަރު

ރާއްޖެއިން ކޮވިޑް19ގައި ނިޔާވި އެންމެ ދުވަސްވީ މީހާގެ ޖަނާޒާގެ ތެރެއިން: - ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ކޮވިޑް-19އަށް ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ރޭ މެންދަމު 02:13 ހާއިރު މީހަކު މަރުވެފައިވާ ކަމަށެވެ.

އެ މީހާއަކީ 81 އަހަރުގެ އަންހެނެއް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 243އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ އަންގާރަ ދުވަހުގައެވެ. އެއީވެސް އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭއިން ރޭ ހާމަކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އަތޮޅުތެރެއިން 137 މީހަކާއި މާލެއިން 27 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މީގެ އިތުރުން، ރިސޯޓުތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،651 އެވެ.

މި ބަލީގައި 26 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 87،359 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 85،453 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

comment ކޮމެންޓް