ސައޫދީން ޕާކިސްތާނަށް 1.2 ބިލިޔަން ޑޮލަރުގެ އެހީއާއި ތިން ބިލިއަން ޑޮލަރުގެ ރިޒާވެއް ދެނީ

އިމްރާންޚާން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ސައޫދީ އަށް ވަޑައިގެންނެވީ ބޮޑުވަޒީރުގެ ރަސްމީ ޖެޓްގައި

ރިޔާޟް (28 އޮކްޓޯބަރު) : ޕާކިސްތާނަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި 1.2 ބިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށާއި ޕާކިސްތާނުގެ މަރުކަޒީ ބޭންކްގައި 3 ބިލިޔަން ޑޮލަރުގެ ރިޒާވެއް ބަހައްޓައި ދިނުމަށް ސައޫދީ އަރަބިއާއިން ނިންމައިފިއެވެ.

ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އިން ބުނިގޮތުގައި ޕާކިސްތާނަށް ކުރިމަތިވެފައިވާ ބަޖެޓް ދެކޮޅު ނުޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި 1.2 ބިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ރަސްގެފާނު ނިންމެވުމުން އެ ފަންޑުން އެ އެހީ ޕާކިސްތާނުގެ މަރުކަޒީ ބޭންކަށް ޓްރާންސްފާ ކުރުމުގެ މަސައްކަތް އެބަކުރެއެވެ.

އިމްރާންޚާން ސަލްމާން ރަސްގެފާނުގެ އަރިހުގައި

މީގެއިތުރުން ޕާކިސްތާނުގެ ބޭންކްތަކާއި މާލީ ނިޒާމުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ވަރަށްބޮޑަށް ދަށްވެފައިވުމާއެކު ޕާކިސްތާނުގެ ފައިސާގެ އަގުވެއްޓެމުންދާތީ އެކަން ހައްލުކުރުމަށްޓަކައި ޕާކިސްތާނުގެ މަރުކަޒީ ބޭންކްގައި 3 ބިލިޔަން ޑޮލަރުގެ ރިޒާވެއް ބެހެއްޓުމަށްވެސް މަސައްކަތް ކުރަމުންގެންދެއެވެ.

ނަމަވެސް 3 ބިލިޔަން ޑޮލަރުގެ މިފައިސާއަކީ ޕާކިސްތާނުގެ ބޭންތަކާއި މާލީ ނިޒާމުގައި ބޭރު ފައިސާގެ ރިޒާވް ރަނގަނޅުވުމުން އަނބުރައި ގެންދާގޮތަށް ސައޫދީ ފަންޑުން ބަހައްޓާ ފައިސާއެކެވެ. ހިލޭ އެހީގެ 1.2 ބިލިޔަން ރުފިޔާ އާއި 3 ބިލިޔަން ޑޮލަރުގެ ރިޒާވް ފައިސާ ޕާކިސްތާނަށް ދޭގޮތަށް ސައޫދީން ނިންމީ މިދިޔަ ހަފްތާގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ސައޫދީއަށް ވަޑައިގެން އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާއި ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކާ ގުޅިގެންނެވެ.

ސައޫދީ އަކީ ޕާކިސްތާނުގެ ބަޖެޓަށް ކުރިމަތިވާ ދަތިކަން ފިލުވައިދިނުމަށްޓަކައި އެގައުމަށް ވަރަށް ގިނައިން ހިލޭ އެހީދޭ ގައުމެކެވެ. މީގެއިތުރުން ޕާކިސްތާނުގެ ތަރައްގީގެ މަޝްރޫއުތަކަށްވެސް ސައޫދީން ލޯން އެހީއާއި ހިލޭ އެހީ ފޯރުކޮށްދެމުން ގެންދެއެވެ.

ނަމަވެސް މިފަހަކަށް އައިސް ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ ބާރާއި ނުފޫޒު ސައޫދީ ރަސްކަމުގެ ނިޒާމުގައި ގަދަވުމާއެކު ސައޫދީން ޕާކިސްތާނަށްވުރެ އިންޑިއާ އާ ގާތްގުޅުންތަކެއް އުފައްދައި ސައޫދީން ބޮޑެތި އިގްތިސާދީ އެހީތަކެއް އިންޑިއާއަށް ދެމުންގެންދާތީ އާއި އިންޑިއާގެ މިހާރުގެ ސަރުކާރުން ކަޝްމީރުގައި ހިންގާ ހަރުކަށި އަމަލުތަކަށް ސައޫދީ ލޯމަރާލައިގެން އޮންނާތީ ޕާކިސްތާން ވަނީ ހިތްހަމަނުޖެހިފައެވެ.

މީގެއިތުރުން ޔަމަންގައި ސައޫދީ އިސްވެ އޮވެގެން ހިންގާ ހަނގުރާމައިގާ ބައިވެރިވުމަށް ޕާކިސްތާން ދެކޮޅު ހެދުމުން ސައޫދީގެ ހިންހަމަނުޖެހުންވެސް ޕާކިސްތާނަށް އަމާޒުވެފައިވެއެވެ. ޔަމަންގެ ހަނގުރާމައިގެވެސް އިސް މޭސްތިރިއާގެ ގޮތުގައި ބެލެވޭ މުހައްމަދު ބިން ސަލްމާން ގެ ނުފޫޒުގައި ސައޫދީ ވަނީ ނުސީދާގޮތެއްގައި އިސްރާއީލާވެސް ވަރަށްބޮޑަށް ގާތްވެގެން ގޮސްފައެވެ.

އިމްރާންޚާން މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވަނީ

އިސްރާއީލާ ރަސްމީ ގުޅުންތައް އަދި ނުބޭއްވި ނަމަވެސް ސައޫދީ މިހާރުވަނީ އިސްރާއީލުގެ ބޯޓުތަކަށް ސައޫދީ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކަށް ކުރިން ސައޫދީ މާލީ އެހީދިންއިރު މިހާރު ސައޫދީން އެޖަމާއަތްތައް ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައެވެ.

ޕާކިސްތާން ވަނީ ސައޫދީން އިސްރާއީލާ ގުޅުންތައް އުފެއްދި ނަމަވެސް ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފައިބާ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި ނުދެނީސް އިސްރާއީލާ ގުޅުން ގާއިމް ނުކުރާނެކަމަށް ބުނެފައެވެ. އިސްރާއީލުން ފަލަސްތީނު އަޅުވެތިކޮށް މާތްވެގެންވާ މަސްޖިދުލްއަގްސާ އަށް ވެރިވެގަނެގެން އުޅޭހާ ހިނދަކު (ބައެއް އަރަބި ގައުމުތަކުން އިސްރާއީލާ ގާތްވި ނަމަވެސް) ޕާކިސްތާނުން އެކަން ނުކުރާނެކަމަށް އިމްރާންޚާން ވަނީ ވިދާޅުވެފައެވެ.

ސައޫދީން 2017 ވަނައަހަރު ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރު ހިސާރުކުރުމަށް ކުރި މަސައްކަތުގައި ޕާކިސްތާނުގެ އެއްބާރުލުން ސައޫދީއަށް ލިބިފައެއް ނުވެއެވެ. މިއީވެސް އެދުވަސްވަރު ސައޫދީގެ ހިތްހަމަނުޖެހުން ޕާކިސްތާނަށް އަމާޒުވި ކަމެކެވެ. ނަމަވެސް ސައޫދީ އަމިއްލައަށް އިސްނަގައިގެން މިއަހަރު ގަތަރާ އަލުން ގުޅުންތައް އުފެއްދުމުން މިމައްސަލަވަނީ ހައްލުވެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން މިދިޔަ ހަފްތާގެ ހަފްތާ ބަންދުގައި ސައޫދީ އަށް ވަޑައިގެންނެވީ އިންޑިއާގެ މައްސަލާގައި ދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމާބެހޭގޮތުންނާ އަދި ސައޫދީގެ މާލީ އެހީ ހޯދުމާބެހޭގޮތުން ސައޫދީ އިސްވެރިންނާ މަޝްވަރާކުރެއްވުމަށްކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް