ފުޓުބޯޅައިގައި ފަސް ބަދަލުކުރެވޭ އުސޫލު ދާއިމީ ކުރަނީ

އޭސީ މިލާނުން ބަދަލެއް ކުރަނީ، ޖިރޫޑްގެ ބަދަލުގައި ކުޅެން އަރަނީ އިބްރަހިމޯވިޗް ---

ފުޓުބޯޅައިގައި ފަސް ބަދަލު ކުރެވޭ ގޮތަށް މިދިޔަ އަހަރު ފީފާއިން ގެނައި ބަދަލު ދާއިމީ ކުރުމަށް އިންޓަނޭޝަނަލް ފުޓުބޯޅަ އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އިން ލަފާ ދީފިއެވެ.

ފުޓުބޯޅައިގެ ގަވާއިދުގައި ކުރިން އޮންނަނީ މެޗެއްގައި ކުރެވޭނީ އެންމެ ގިނަވެގެން ތިން ބަދަލު ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ފުޓުބޯޅައިގެ ގަވާއިދުތަކަށް ވެސް ބައެއް ބަދަލު ގެނެސްފައިވާ އިރު، އެންމެ ބޮޑު ތަފާތަކަށް ފެނުނީ ފަސް ބަދަލު ކުރެވޭ އުސޫލެވެ.

ފީފާއިން އޭރު ބުނީ މެޗެއްގައި ފަސް ބަދަލު ކުރެވޭ ގޮތަށް ބަދަލު ގެނައީ، މެޗުތައް ކައިރި ކައިރީގައި ކުޅެން ޖެހުމާއެކު ކުޅުންތެރިން ވަރުބަލިކަމާއި، އަނިޔާތައް ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ އުސޫލުތައް ދަމަހައްޓާނެ މުއްދަތެއްގެ ގޮތުގައި ފީފާއިން އޭރު ކަނޑައެޅީ އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ.

އެހެން ނަމަވެސް ކުލަބުތަކާއި، ގައުމީ ފުޓުބޯޅަ ޓީމުތަކުން ވެސް ވަނީ ފަސް ބަދަލު ކުރެވޭ އުސޫލު ދާއިމީ ކޮށްދިނުމަށް އެދިފައެވެ. އެއާއެކު އިންޓަނޭޝަނަލް ފުޓުބޯޅަ އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އާއި ޓެކްނިކަލް އެޑްވައިޒަރީ ޕެނަލުން އިއްޔެ ވަނީ މި ބަދަލު ދާއިމީ ކުރުމަށް ފީފާގައި އެދެން ނިންމައިފައެވެ.

"ފުޓުބޯޅައިގެ ގަވާއިދުތައް ވެސް އެއިރެއްގެ ޓީމުތަކާއި، ކުޅުންތެރިން ބޭނުންވާ ގޮތަކަށް، އަދި އެއިރެއްގައި އޮންނަ ހާލަތަކާ އެއްގޮތަކަށް ބަދަލުވާން ޖެހޭ. އެހެން ކަމުން މެޗެއްގައި ފަސް ބަދަލު ކުރެވޭ އުސޫލު ދާއިމީ ކުރުމަށް ހުށައަޅާނަން،" އިންޓަނޭޝަނަލް ފުޓުބޯޅަ އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އާއި ޓެކްނިކަލް އެޑްވައިޒަރީ ޕެނަލުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑްގެ ސަބަބުން ފީފާއިން ވަނީ ފުޓުބޯޅައިގެ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅުމާއި، ދެ ލެގަށް ކުޅޭ މެޗުތައް އެއް މެޗެއްގެ ގޮތުގައި ކުޅުމުގެ އިތުރުން މެޗުގެ ތެރޭގައި ކުޅުންތެރިން ސަލާން ކުރަން ނުޖެހޭ ފަދަ އުސޫލުތައް ހިމެނެއެވެ.

އެހެން ނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އައުމާއެކު އޭރު ގެނައި ގިނަ ބަދަލުތައް މިހާރު ވަނީ ފީފާއިން އުވާލައިފައެވެ.

comment ކޮމެންޓް