ހިލޭ ޑިގްރީއަށް 321 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް މިހާތަނަށް 321 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. އިބްރާހިމް ހަސަން "ސަން"އަށް ވިދާޅުވީ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގައި މިއަދާ ހަމައަށް 11،000 ދަރިވަރުން ކިޔަވައިފައިވާ ކަމަށެވެ. އަދި މިހާރު ބައެއް ދަރިވަރުން ކިޔަވާ ނިމިފައިވާއިރު މިހާރު އަށް ހާހަށް ވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީގެ ދަށުން ކިޔަވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަހަރުގެ މިހާތަނަށް ވެސް 114 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިލޭ ޑިގްރީއަށް ހަރަދުކޮށްފައިވާ ކަމަށެވެ.

"މީހުން ބިނާ ކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް. އެކަން އެބަ އެނގޭ އަޅުގަނޑުމެންނަށް ކޮވިޑްގެ އެންމެ ދަތި އުނދަގޫ ދުވަސްވަރު ވެސް ސަރުކާރުން މީހުން ބިނާކުރުމަށް ހިންގަން ބޭނުންވެފައިހުރި އެއްވެސް ޕްރޮޖެކްޓެއް ހުއްޓައެއް ނުލާ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް ތެރޭގައި ވެސް ސްޓޫޑަންޓް ލޯނާއި، ރައީސްގެ ހާއްސަ ސްކޯލާޝިޕް ވެސް ދިން ކަމަށެވެ. އަދި ރާއްޖެއަށް ކޮވިޑުން އަރައިގަނެވުނީ ސިއްހީ ދާއިރާއިން މީހުން ބިނާ ކުރެވިފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިލޭ ޑިގްރީ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ޕްރޮގްރާމުގެ ދަށުން ކިޔަވައިދޭން ފެށީ 2019 އަހަރުގެ ކުރީކޮޅެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމުން ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމަށްވާ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީން ހިލޭ ކިޔެވެއެވެ. އަދި ރާއްޖޭގައި ހިންގާ ޕްރައިވެޓް ކޮލެޖުތަކުގެ ކޯސް ފީތަކުން ވަރަށް ބޮޑުބައެއްވެސް ދައްކައިދެއެވެ.

comment ކޮމެންޓް