ހިޔާ ފްލެޓުތައް ކައިރީ މޯބައިލް ކަވަރޭޖް ރަނގަޅުކުރުމަށް ދިރާގާއެކު އެއްބަސްވުމެއް

ދިރާގާއެކު އެޗްޑީސީން އެއްބަސްވުމުގައި ސޮއިކުރުން --

ހިޔާ ފްލެޓުތައް ހިމެނޭ ސަރަހައްދުގައި މޯބައިލް ކަވަރޭޖް ރަނގަަޅުކުރުމުގެ ގޮތުން އެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދިރާގާ ހަވާލުކޮށްފިއެވެ.

ދިރާގާއެކު އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދެވެ. މި މަސައްކަތުގެ ދަށުން އެޗްޑީސީން ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ޓަވަރުތައް ބޭނުންކޮށްގެން ހިދުމަތް ދޭނީ ދިރާގުންނެވެ.

އެޗްޑީސީން ބުނީ މިހާރު ވެސް ހިޔާ ފްލެޓުތައް ހިމެނޭ ސަރަހައްދުގައި އިތުރު ޓަވަރުތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އޭގެތެރޭގައި ރޫފްޓޮޕް ޕޯލްތަކުގެ އިތުރުން ސްޓްރީޓް ޕޯލްތައް ހަރުކުރާނެއެވެ. އެއާއެކު އިތުރު ކުންފުނިތަކާއެކު ހިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވުންތައް ހަދާނެކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ ބޭނުމަކީ މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށް އަޅާ ޓަަވަރުތަކާއެކު ގިނަ ކުންފުނިތަކަކަށް ފުރުސަތު ދީގެ ހިދުމަތް ފޯރުކޮށްދިނުމުގެ މާހައުލެއް ފަހިކޮށްދިނުންކަމަށެވެ. އަދި ހަރަދުތައް ކުޑަކޮށް ބިން ސަލާމަތްވާނެހެން މި މަސައްކަތްކުރިއަށް ގެންދިއުންކަމަށެވެ.

އަދި ހިދުމަތް ލިބިގަތުމަށް އާންމުން ހޭދަކުރަން ޖެހޭ ވަގުތު މަދުކޮށް ފަސޭހައިން ހިދުމަތް ލިބޭނެ އިންތިޒާމެއް ފަހިކޮށްދިނުމަކީ އެޗްޑީސީގެ އެންމެ މުހިންމު އެއް ބޭނުންކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލޭގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމްކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް