އޮލިވިއާ ރޮޑްރިގޯއަށް އެމެރިކާގެ ރައީސް ދެއްވީ އާދަޔާ ޚިލާފު ހަދިޔާތަކެއް

އެމެރިކާ ރައީސް ޖޯ ބައިޑެން އާއި އޮލިވިއާ ރޮޑްރިގޯ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިއެއް އަދި ލަވަ ލިޔުންތެރިއެއް ކަމަށްވާ އޮލިވިއާ ރޮޑްރިގޯ ވަނީ އެމެރިކާގެ ރައީސުންގެ ރަސްމީ ގެކޮޅު ކަމަށްވާ ވައިޓް ހައުސްއަށް ދާދި ފަހުން ޒިޔާރަތެއް ކޮށްފައެވެ.

އެމެރިކާގެ ޓީވީ ޝޯ އެއް ކަމަށްވާ ޖިމީ ކިމެލް ލައިވް އަށް ރޮޑްރިގޯ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ވައިޓް ހައުސް އަށް ދާން ފުރުސަތު ލިބުނީ ޒުވާނުން ވެކްސިން ޖެހުމުގެ މުހިއްމުކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.

ހަމައެހެންމެ ވައިޓް ހައުސް އިން ދިމާވީ އެންމެން ވެސް ވަރަށް އޯގާތެރިކަމަށް ރޮޑްރިގޯ ބުންޏެވެ. އެގޮތުން އޭނާ ވަނީ ރައީސް ބައިޑެން އަދި ވައިޓް ހައުސްގެ ކޮރޯނާވައިރަސް ޓާސްކްފޯސްގައި އިސްކޮށް ހުންނަވާ ޑރ. އެންތަނީ ފައުޗީ ގެ ނަން ފާހަގަ ކޮށްފައެވެ.

"ވައިޓް ހައުސް އަކީ ވަރަށް ހިތްގައިމު ރީތި ތަނެއް. އެންމެ ފުރަތަމަ ދާން ވެސް ވަރަށް ޖެހިލުންވި. އަހަރެން ވަރަށް ގިނަ ތަންތަން ބަލާލިން. [ކުރީގެ ރައީސް] ޖޯޖު ވޮޝިންޓަން ފަރިއްކުޅުއްވަން ބޭނުންކުރެއްވި ތަށިތަކާ އެއްޗެހި ވެސް. އެހުރިހާ އެއްޗެއް ވެސް ވަރަށް ތަފާތު. އަހަރެން ހުރީ ބިރުން އެއިން އެއްޗެއް އަހަރެން އަތުން ހަލާކު ވެދާނެތީ. ނަސީބަކުން ނުވޭ،" ރޮޑްރިގޯ ވައިޓް ހައުސް ސިފަކޮށްދެމުން ކިޔައިދިނެވެ.

ރޮޑްރިގޯގެ ވައިޓް ހައުސްގެ ޒިޔާރަތަށްފަހު ސޯޝަލް މީޑިއާގައި ވަނީ ރައީސް ބައިޑެން އާއި އޭނާއާ އެއްކޮށް ނަގާފައިވާ ފޮޓޯ އެއް އާއްމުވެފައެވެ. މިފޮޓޯގައި ދެމީހުން ވެސް ތިބީ ބައިޑެންގެ ސިގްނޭޗާ އެވިއޭޓާ އައިނު އަޅައިގެންނެވެ.

އެމެރިކާ ރައީސް ޖޯ ބައިޑެން އާއި އޮލިވިއާ ރޮޑްރިގޯ

މިކަމާ ގުޅިގެން އެ ޓީވީ ޝޯ ގެ ހޮސްޓް ކިމެލް ވަނީ އެއީ ރޮޑްރިގޯ ކިހިނެތް ހޯދި އައިނެތްތޯއާއި އޭނާ އަށް ބައިޑެން ދެއްވި އައިނެއްތޯ ސުވާލުކޮށްފައެވެ.

"އެއީ އަސްލު ރައީސް ދެއްވި އައިނެއް. އެހެން ހަދިޔާތައް ވެސް ރައީސް ދެއްވި. އޭގައި ހިމެނޭ އެ އައިނާއި އެމް އެންޑް އެމްސް ތަކެއް ވެސް. އަދި ދެއްވި ޝޫހޯން އެއްވެސް،" ރޮޑްރިގޯ ކިޔައިދިނެވެ.

އެމް އެންޑް އެމްސް އަކީ ޗޮކްލެތަކަށް ވާއިރު ޝޫހޯން އަކީ ބޫޓަށް އަރާއިރު ފަސޭހަކަމާއެކު އެރުމަށް ބޭނުންކުރާ އެއްޗެކެވެ. މި ތިން އެއްޗަކީ ވަރަށް ތަފާތު ތިން އެއްޗެވެ. ރައީސަކަށް ޒިޔާރަތް ކުރާ މެހެމާނަކަށް އާއްމުގޮތެއްގައި ނުދޭ ކަހަލަ ހަދިޔާ ތަކެކެވެ.

މިކަމާ ގުޅިގެން ކިމެލް ވަނީ ވަރަށް ބޮޑަށް ހައިރާންވެފައެވެ.

ރޮޑްރިގޯ ވައިޓް ހައުސްއަށް ދިޔުމަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި އޭނާ ވަނީ ވެކްސިން ޖެހުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް ހިއްސާ ކޮށްފައެވެ.

އޮލިވިއާ ރޮޑްރިގޯގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ގުޑް ފޮ ޔޫ" އަދި "ޑްރައިވާސް ލައިސެންސް" އާއި "ޓްރެއިޓާ" ހިމެނެއެވެ.

comment ކޮމެންޓް