ޔާމީން މިނިވަންކޮށް، އަލުން ވެރިކަމަށް ގެންނަން އެދޭ ރައްޔިތުންގެ އަދަދު އަންނަނީ ހާހުން އިތުރުވަމުން

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށް، 2023ގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދިނުމަށް މަސައްކުރާ ރައްޔިތުންގެ އަދަދު އަންނަނީ ހާހުން އިތުރުވަމުން ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްގެ އުމުރުން 10 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕީޕީއެމް ހިމެނެނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ގޮތުގައި ކަމަށެވެ.

އެގޮތުން ޕާޓީ އުފެދުނު ފަހުން ކުރިމަތިލީ އެންމެ ބޮޑު އިންތިހާބަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކަމުގައި ވީއިރު އެ އިންތިހާބުގައި ޕާޓީގެ އެފަހަރުގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވާދަ ކުރައްވައި ކާމިޔާބު ކުރައްވާފައިވާކަމަށް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިގައުމާއި ރައްޔިތުންނަށް އެތައް ކާމިޔާބަކާ ކުރިއެރުން ގެނެސްދެއްވި ފަސް އަހަރުގެ ވެރިކަމެއް ރައީސް ޔާމީން ފުރިހަމަ ކުރެއްވި ކަމުގައި އެ ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ގެނެސްދިނުމާއި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުމާއި ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ޔާމީން ކުރެއްވި ބުރަ މަސައްކަތްޕުޅުން ވެސް ވަނީ އެތައް ކާމިޔާބީއެއް ހާސިލް ކުރި ކަމަށް އެ ބަޔާނުގައިވެއެވެ.

އުމްރާނީ ގޮތުންނާއި ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާ އިންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުން ވެސް ވަނީ މި ގައުމާއި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ގެނެސްދެއްވާ ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ދެހާސް ތޭރައިގެ ރިޔާސީ އިންތިހާބަށް ފަހު، 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ވެސް ވަނީ ޕީޕީއެމް ހޯދާ އެ އިންތިހާބު ވެސް ކާމިޔާބުކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީގެ ކާމިޔާބީގެ ސަފުހާތައް ލިޔަމުން އަންނަނިކޮށް އެ ކާމިޔާބީ ތަކަށް ހިޔަނި އެޅުނީ ޕާޓީއަށް ފާއިތުވެދިޔަ ތަނުގައި ކާމިޔާބީ ހޯދައިދިނުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރެއްވި، އަދި މިހާރު ވެސް އަދާކުރައްވަމުން ގެންދަވާ، ރައީސް ޔާމީން ނުހައްގުން، ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބަހައްޓައިގެން އަނިޔާ ދެމުން ގެންދާ ދެންދިއުމުން ކަމަށެވެ.

ރައީސް ޔާމީނަށް އެ ހާލަތުގައި އަނިޔާ ލިބެމުން ދިޔަނަމަ ވެސް އެމަނިކުފާނަށް ނުހައްގުން ދެމުން ގެންދާ އަނިޔާއާއި ދެކޮޅު ހަދާ އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށް ޓަކައި ޕާޓީއާއެކު ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމުގައި އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އޭގެ ނަތީޖާއަކަށްވީ، އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން އެ ޕާޓީ ކާމިޔާބު ކުރުން ކަމަށެވެ.

ބަޔާން ނިންމާލަމުން ބުނެފައިވަނީ ރާއްޖެއަށް އެކި ގޮތްގޮތުން ކުރިމަތިވަމުން އަންނަ ގެންލުންތަކާއި ގޮންޖެހުންތަކުން ގައުމު ނަގައި ކޮޅަށް ޖެހޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިއަދު ގަބޫލުކުރާ ކަމަށެވެ.

comment ކޮމެންޓް