ޗައިނާއަށް ލޯނު ނުދައްކާ ހޭދަކުރަންވީ ތިމާވެށީގެ ކަންކަމަށް: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --- ފޮޓޯ/ މަޖިލިސް

ރާއްޖެއިން ޗައިނާއަށް ދައްކާ ދަރަނީގެ ފައިސާ ނުދައްކާ އެ ފައިސާ ތިމާވެށީގެ ކަންކަމަށް ހަރަދުކުރުމަށް ޓަކައި ރާއްޖެއަށް ލިބޭނެ މަގެއް ފަހިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ދުނިޔެއަަށް ގެއްލުންކުރަނިވި ވިހަ ގޭސް ދޫކުރާ ގައުމުތަކުގެ ލިިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެއް ގައުމަކީ ޗައިނާކަމަށެވެ. ނަމަވެސް ރާއްޖެއިން ވަނީ ޗައިނާއަށް ބޮޑު އަދަދަކުން ދަރާފައިވާކަަމަށެވެ.

އެގޮތުން ޗައިނާއަށް ކޮންމެ މަހަކު 30 މިލިއަނަށްވުރެ ގިނަ ޑޮލަރު ދަރަނި އަދާކުރުމަށް ދައްކަމުން އަންނަކަމަށް ވިދާޅުވިއެވެ.

"މި ދަރަނި ނުދައްކާ އަޅުގަނޑުމެންނަށް މިކަހަލަ ކަންތައްތަކުގައި އެހީތެރިވުމަށް ޗައިނާއިން އެ ކަނޑާލަދިނުން ނުވަތަ އޭގެން ކޮންމެވެސް ޕަސެންޓެއް ތިމާވެށީގެ ކަންކަމަށް އެހީތެރިވުމަށް ޓަކައި އެ ސަރުކާރުން ދޭނެ ގޮތަކަސް ވާހަަކަދައްކަން،" އާޒިމް ވިދާޅުވިއެވެ.

ވ. ފެލިދޫ ގިރާ ސަރަހައްދުގެ ރިޕޯޓަށް ބަހުސްކުރައްވަމުން އާޒިމް ވިދާޅުވީ ތިމާވެށީގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއްކަމަށެެވެ. ނަމަވެސް ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމަކީ އަގު ބޮޑު ކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.

"އެހެންވީމާ އެއަށް ފައިސާ ހޯދުމަށް ޓަކައި އަޅުގަނޑުމެން ވަރަށް ބޮޑެތި މަސައްކަތްތަކެއްް ކުރަންޖެހޭކަމަށް މުގައްރިރުގެ ރިޕޯޓުގައި ވެސް ފާހަގަކުރެއްވި އަދި ވާހަކަފުޅުގައި ވެސް ފާހަގަކުރެއްވި،" އޭނާ ވިދާޅުވިއެވެ.

އެއާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކުން ބޮޑެތި ގައުމަތަަކަށް ވަރަށް ބޮޑަށް ދަރާފައިވާކަމަށެވެ. އަދި ބަޖެޓުގެ 20 ޕަސެންޓް ދަރަނި ދެއްކުމަށް ހޭދަކުރާއިރު 30 ޕަސެންޓު މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ހޭދަކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ގިނަ ގައުމުތަކަށް ކުރުން ދަތިކަމެއްކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް