ސަރުކާރުން ކުރާ މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް ބޭނުންފުޅުވޭ: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ސަރުކާރުން ކުރާ މަސައްކަތްތަކުގެ ފެންވަރު ރަނގަޅު މިންވަރެއްގައި ހިފަހައްޓަައި ރައްޔިތުންނަށް އެކަން ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް ޓަކައި ސަރުކާރުން މަޝްރޫތައް ކުރިއަށް ގެންދަނީ ދައުލަތުގެ ފައިސާއިންކަމަށެވެ.

އެހެންކަމުން މަޝްރޫތަކަކީ ރަނގަޅު ފެންވަރެއްގައި ހިންގޭ މަޝްރޫތަކަކަށް ހެދުން މުހިންމުކަމަށް ވިދާޅުވިއެވެ. އަދި އެއީ ރައީސް ސޯލިހުގެ ވެސް އެދިވަޑައިގަތުންކަމަށް ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ތައުލީމީ ދާއިރާގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބޮޑު އިސްކަމެއްދޭކަމަށެވެ. އެގޮތުން ދަރިވަރުންނަށް ރަނގަޅު މާހައުލަކާއި މުދައްރިސުންނާއި މުވައްޒަފުންނަށް ފަހި މާހައުލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ފުވައްމުލަށް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނު އެ ސިޓީގެ ސްކޫލަށް ޒިޔާރަތް ކުރައްވައިފައެވެ. އަދި އެ ސްކޫލްގައި އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމަށް އިތުރަށް ބޭނުންވާ ކްލާސްރޫމް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފައެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ އެ ސިޓީގެ އިސްވެރިންނާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ.

comment ކޮމެންޓް