ސުލްހަ ގާއިމްކުުރުމަށް ޓަކައި ދެ ގައުމު ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޗައިނާ ސަފީރު

ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ވާން ލިޒިން --

އދ.ގެ ޗާޓަރުތަކާ އެއްގޮތަށް ސުލްހަވެރިކަން ދެމެހެއްޓުމަށް ޓަކައި ރާއްޖެއާއި ގުޅިގެން މަސައްކަތްކުރަން އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށް ޗައިނާއިން ބުނެފިއެވެ.

އދ.ގެ އާންމު މަޖިލީހުގައި ޗައިނާ ހިމެނުނުތާ 50 އަހަރު ފުރުން ފާހަގަކޮށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވީ ރާއްޖެ ހިމެނޭގޮތުން ހުރިހާ ގައުމަކާއެކު ވެސް މަސައްކަތްކުރަން އަބަދުވެސް އޮންނާނީ ތައްޔާރަށްކަމަށެވެ.

"ޗައިނާއިން އަބަދުވެސް މިއޮތީ ތައްޔާރަށް ރާއްޖެ ހިމެނޭހެން ހުރިހާ ގައުމަކާއެކު ވެސް މަސައްކަތްކުރުމަށް. އެގޮތުން ސުލްހަ ދެމެހެއްޓުމަށާއި، ތަރައްގީގެ ރޮނގުންނާއި، އަދުލު އިންސާފާއި، ޑިމޮކްރަސީގެ އިތުރުން މިނިވަންކަމަށް ޓަކައި ވެސް މަސައްކަތްކުރަން މިތިބީ ތައްޔާރަށް،" ލިޒިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެ ގައުމުގެ އެއްބާރުލުން ލިބިގެންދާނެކަމަށެވެ. އެއާއެކު ރާއްޖެއިން ބައިނަލްއަގްވާމީ މައިދާނުގައި އިތުރަށް ހަރަކާތްތެރިވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ލިޒިން ވަނީ ރާއްޖެއަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ވަކާލާތުކޮށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި އެއީ ޗައިނާގެ ރައީސް ޝީޖިން ޕިން ވެސް ތާއިދުކުރައްވާކަމެއްކަމަށާއި އޭގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެކަމަށް އުންމީދުކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.

"ރާއްޖެއަކީ އދ.ގެ ޗާޓަރުތަކަށް ފުރިހަމައަށް ތާއިދުކުރާ ގައުމެއް. އދ.ގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރާ ގައުމެއް. ރާއްޖެއިން ވަކާލާތުކުރަނީ ކުދި އަދި ބޮޑު ގައުމުތަކުގެ މެދުގައި ވެސް ހަމަހަމަކަން އޮތުމަށް. ގައުމުތަކުގެ ދާހިލީ މައްސަލަތަކާ ނުބެހި، ސަރަހައްދުގެ ސުލްހައަަށް މަސައްކަތްކުރާ ގައުމެއް ރާއްޖެއަކީ،" ލިޒިން ވިދާޅުވިއެވެ.

އެއާއެކު އޭނާ ވިދާޅުވީ ޗައިނާގެ ފުރިހަމަ ތާއީދު އަބަދުވެސް ރާއްޖެއަށް ލިބޭނެކަމަށެވެ. އަދި ދެ ގައުމު ގުޅިގެން ބައިނަލްއަގްވާމީ ތަރައްގީއަށާއި ކުރިއެރުމަށް މަސައްކަތްކުރުމަށް އުންމީދުކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.

comment ކޮމެންޓް