ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުން ދެ ބޭފުޅަކަށް މިއަދު ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުން، އެޗްއާރްސީއެމްގެ ރައީސްކަމަށް ރުހުން ދީފައިވަނީ އެ ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި މަރިޔަމް މުނާއަށެވެ. ނައިބު ރައީސްކަމަށް ރުހުން ދީފައިވަނީ ޑރ. އަދުހަމް އަބްދުﷲ އަށެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސްކަމަށް ރުހުން ދީފައިވާ ޑރ. އަދުހަމް އަބްދުﷲ --
މުނާއަކީ މީގެ ކުރިން ވަޒީފާ އާ ބެހޭ ޓްރައިބިއުނަލްގެ މެންބަރެކެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.
ޓްރައިބިއުނަލް އަށް މުނާ އައްޔަނު ކުރެއްވީ 2014 ވަނަ އަހަރުއެވެ. އޭގެ ކުރިން މުނާ ވަނީ ސަރުކާރުގެ ގިނަ މަގާމުތަކެއް އަދާ ކުރައްވައިފައެވެ. އެގޮތުން 1997 ވަނަ އަހަރުން ފެށިގެން 2012 ޖުލައި ގެނިޔަލަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި މަސައްކަތްކުރައްވާފައިވެއެވެ. މީގެ އިތުރުން އެހެނިހެން މަގާމުތައް ވެސް ވަނީ ފުރުއްވާފައެވެ.
އެޗްއާރްސީއެމްގެ ރައީސާއި ނައިބު ރައީސްގެ ގޮނޑި ހުސްވިތާ ގިނަ ދުވަސްތަކެއްވި ނަމަވެސް، އެ މަގާމުތަކަށް ބޭފުޅަކު އައްޔަން ނުކުރެވި އޮތީ އެ ކޮމިޝަންގެ މެންބަރުން ހަމަނުވުމުގެ ސަބަބުންނެވެ. ނަމަވެސް މި މަހުގެ ތިން ވަނަ ދުވަހު އެ ކޮމިޝަންގެ މެންބަރު ކަމަށް ސަމާއު އަހުމަދު ނަޖީބު އައްޔަންކުރުމާއެކު ކޮމިޝަންގެ ފަސް މެންބަރުން ވަނީ ހަމަވެފައެވެ.
އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ މުނާއާއި ސަމާއުއާއި އަދުހަމްގެ އިތުރުން އާމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި, މުއުމިނާ ވަހީދު އެވެ.