މިގަރުނުގައި ދުނިޔޭގެ ހޫނުމިން އިތުރު 2.7 ޑިގްރީ ސެލްސިއަސް މައްޗަށް ދާނެ: އދ.

ދުނިޔޭގެ ޖައްވު ހޫނުވުމަށް މަގުފަހުވާ ގޭސްތައް ބޭރުކުރަނީ މައިގަނޑު ގޮތެއްގައި ކާރުޚާނާތަކުން

އދ. މަޖިލިސް (27 އޮކްޓޯބަރު) : މިގަރުނުގެ ފަހުކޮޅާ ހަމައަށް ދާއިރު ދުނިޔޭގެ ހޫނުމިން އިތުރު 2.7 ޑިގްރީ ސެލްސިއަސް މައްޗަށް ދާނެ ކަމަށް އދ. ގެ ތިމާވެއްޓާބެހޭ ޕްރޮގްރާމް "ޔުނެޕް" އިން ބުނެފިއެވެ.

ޔުނައިޓެޑް ނޭޝަންސް އެންވައިރަންމެންޓް ޕްރޮގްރާމް (ޔުނެޕް) އިން ނެރުނު ރިޕޯޓެއް ބުނާގޮތުން ދުނިޔޭގެ ޖައްވު ހޫނުކުރާ ގްރީންހައުސް ގޭސްތައް ޖައްވުގެ ތެރެއަށް ބޭރުވާ މިންވަރު ކޮންޓުރޯލް ކުރުމަށް ގައުމުތަކުން އެއްބަސްވެފައިވާ ގޮތަށް އެކަން ނުކުރެވެއެވެ. އެހެންކަމުން މިގަރުނުގެ ފަހުކޮޅާ ހަމައަށް ދާއިރު ދުނިޔޭގެ ހޫނުމިން އިތުރު 2.7 ޑިގްރީ ސެލްސިއަސް މައްޗަށް ދާނެކަމަށް އިލްމީ ހޯދުންތަކުން ޔަގީނާ ގާތަށް ލަފާކުރެވެއެވެ.

އެ ރިޕޯޓްގައިވާގޮތުން ޖައްވު ހޫނުވުމަށް މަގުފަހިވަނީ ޖައްވަށް ބޭރުކުރާ ކާބަން ގޭސްތަކުގެ ސަބަބުންނެވެ. ކާބަން ގޭސްތަކާއި އެނޫންވެސް ތިމާވެށްޓަށް ގެއްލުންދޭ މާއްދާތައް ހިމެނޭ ގޭސްތަކުގެ ގާތްގަނޑަކަށް 78 އިންސައްތަ އުފައްދަނީ ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ 20 ގައުމުންނެވެ. އެއީ ޖި 20 ގެ ނަމުން ނަންދީފައިވާ ގައުމުތަކެވެ.

މި ރިޕޯޓް ނެރެފައި މިވަނީ އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑުގެ ވެރިރަށް ގްލާސްކޯގައި އދ. ން ބާއްވާ ތިމާވެއްޓާބެހޭ ސަމިޓް "ކޮޕް 26" ފަށަން ކުޑަތަންވެފައިވާ ވަގުތާ ދިމާކޮށެވެ. އެހެންކަމުން މި ރިޕޯޓްގެ ބޭނުމަކީ މިގަރުނުގެ ފަހުކޮޅާ ހަމައަށް ދާއިރު ދުނިޔޭގެ ހޫނުމިން އިތުރު 2.7 ޑިގްރީ ސެލްސިއަސް މައްޗަށް ޖެހޭނެ ކަމުގެ އިންޒާރު ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނަށާއި ތިމާވެއްޓަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކަށް ދިނުމެވެ.

އދ. ބުނާގޮތުން "ކޮޕް 26" ގެ ސަމިޓަކީ ދުނިޔެ ހޫނުވާ މިންވަރު 2 ޑިގްރީ ސެލްސިސްއަށްވެރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ގައުމުތަކަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތެވެ. 2030 ވަނައަހަރަށް ދުނިޔެ އަލިވިލުމުގެ ކުރިން ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު 9 އިންސައްތައަށް ދަށްކުރުމަށް ދުނިޔޭގެ 143 ގައުމަކުން ވަނީ ކުރިން އެއްބަސްވެފައެވެ. ނަމަވެސް މިކަން ތަންފީޒު ކުރުމުގައި އެގައުމުތައްވަނީ ނާކާމިޔާބުވެފައެވެ.

މިނާކާމިޔާބީއާއެކު ދުނިޔޭގެ ގައުމުތަކުން ޖައްވަށް ބޭރުކުރާ ކާބަން ގޭސްތައް (ގްރީން ހައުސް ގޭސްތައް) މިގަރުނު ނިމޭހިސާބަށްދާއިރު 9 އިންސައްތަ ދަށަށް ދިޔުމުގެ ބަދަލުގައި 16 އިންސައްތައަށް ވާނީ އިތުރުކަމަށް ވަނީ ބެލެވިފައެވެ. މިއާއެކު ދުނިޔޭގެ ހޫނުމިންވެސް 2.7 ޑިގްރީ ސެލްސިއަސް އިތުރުވެގެން ދާނެކަމަށް އދ. ގެ ތިމާވެއްޓާބެހޭ ޕްރޮގްރާމުން ލަފާކުރެއެވެ.

ދުނިޔޭގެ ޖައްވަށް ބޭރުވާ ކާބަން ގޭސްތަކުގެ ގާތްގަނޑަކަށް 30 އިންސައްތަ ހިއްސާކުރަނީ މިހާރު ދުނިޔޭގައިވާ އެންމެ ބޮޑު ސިނާއީ ގައުމު ކަމަށްވާ ޗައިނާ އާއި އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ އާބާދީ ބޮޑު ގައުމެއްކަމަށްވާ އިންޑިއާ އިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް