އިޓަލީއަށް ހުއްޓުމެއްނެތި ވާރޭ ވެހެނީ، ފެންބޮޑުވުމާއެކު މަގުތައް ކޯރުތަކަށް

އިޓަލީއަށް ކުރިވިއްސާރައާ ގުޅިގެން ފެންބޮޑުވެފައި ވަނިކޮށް

އިޓަލީގެ ސިސިލީގައި އޮންނަ ކަޓާނިއާ ސިޓީއަށް ކުރި ވިއްސާރައިގެ ސަބަބުން އެސިޓީގެ މަގުތަކުގައި ފެންބޮޑުވެ، އެމަގުތަކުގައި ކޯރު ހެދިއްޖެއެވެ.

ކަޓަނިއާގެ ސަރުކާރުގެ އޮފިޝަލަކު ސީއެންއެންއަށް ވިދާޅުވީ މި ހާލަތަކީ ވަރަށް ނާޒުކު ހާލަތެއްކަމަށެވެ. އަދި އޭނާގެ އޮފީހުގައި ހުރެފައި ކުޑަދޮރުން ބޭރު ބަލާލި ނަމަވެސް ފެންނަން ހުންނަނީ މަގުތަކުގައި ފެންބޮޑުވެފައިވާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ސިސިލީއަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އެ ރަށުގެ ބޮޑު ބަޔަކަށް އޮތީ ރެޑް އެލާޓް ނެރެފައިވެއެވެ. މި ވިއްސާރައިގެ އަސަރުތައް އެންމެ ބޮޑަށް ކޮށްފައިވަނީ ސިސިލީގެ އިރުމަތީ ފަޅީގެ އަވަށްތަކަށް ކަމަށް އިޓަލީގެ ސަރުކާރުން ބުންޏެވެ.

"އިޓަލީގެ އިރުމަތީގެ ރަށްތަކަށް ވަރަށް ބާރުމިނުގައި ވައި ޖެހި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ގެއްލުންތަކެއްވެ މަގުތަކުގައި ފެންބޮޑުވެ ވަރަށް ނާޒުކު ހާލަތެއްގައި،" އިޓަލީ ސަރުކާރުން ބުނެފައިވެއެވެ.

އިޓަލީއަށް ކުރިވިއްސާރައާ ގުޅިގެން ފެންބޮޑުވެފައި ވަނިކޮށް

މިކަމާ ގުޅިގެން ކަޓަނިއާގެ މުނިސިޕަލްޓީން ވަނީ ސްކޫލުތަކާއި ބަގީޗާތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް އަންގައި، ބޭރަށް ނުކުމެ އުޅުން އެހާ ރަނގަޅު ނޫން ކަމަށް ބުނެފައެވެ.

ސިސިލީގެ ސަރުކާރުން ބުނި ގޮތުގައި މޫސުން ގޯސްވެ، އޭގެ ސަބަބުން ހިނގި ނުރައްކާތެރި ހާދިސާތަކުގައި އެ ސަރަހައްދުން ދެ މީހަކު މަރުވެ، އެކަކު ގެއްލިފައިވެއެވެ. އަދި އިޓަލީގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ވަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

އިޓަލީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެހެން އަހަރުތަކުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މާގިނައިން ވާރޭ ވެހެމުންދާ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. އަދި މާދަމާވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް