އެންމެންނަށް ރައްކާތެރި މުސްތަގްބަލެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހް -- ފޮޓޯ/ ރައީސް އޮފީސް

އެންމެންނަށް ދެމެހެއްޓެނިވި، ރައްކާތެރި، ހަމަހަމަ މުސްތަގްބަލެއް ހޯދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ މަގު ޗާޓެއް ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަތީ ފަންތީގެ ބޭފުޅުންނަށް އަމާޒުކޮށްގެން 'ޑެލިވަރިން ކްލައިމެޓް އެކްޝަން – ފޯ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ' ނަމުގައި އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، އަބްދުﷲ ޝާހިދު، އިސްނަންގަވައިގެން ހިންގެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ތެރެއިން ބޯކޮށް ވާރޭވެހި، ޖަންގަލިތަކުގައި ރޯވުން ފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ނޭދެވޭ އަސަރުތައް ހުރިހާ ގައުމަކަށްވެސް ކުރާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މި ހުރިހާ ގެއްލުމެއްގެ ސަބަބުން އަންނަނީ 1.1 ގެ ހޫނުމިނެއްކަން ފާހަގަކުރައްވާ އެއީ މިއަދު ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތު ކަމުގައި ވިޔަސް އެކަން މާދަމާ ވާނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ހާލަތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު ވަނީ ހުރިހާ ގައުމަކުންވެސް 'ނެޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަން' (އެންޑީސީ) އަށް އިންގިލާބީ ބަދަލެއް ގެނެސް، މީހުން ދުނިޔޭގައި ދިރިއުޅުމަށް އެކަށީގެންވާ އެންމެ ރަނގަޅު ސިނޭރިއޯ ގޮތުގައި ބަޔާންކުރާ ހޫނުމިންކަމުގައިވާ 1.5 ޑިގްރީއަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މި ޖަލްސާއިންނާއި، ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްއިންނާއި އަދި ކުރިއަށް އޮތް ޖީ-20 ގެ ބައްދަލުވުންމުން މުޅި ދުނިޔެ ގުޅިގެން ދުނިޔޭގެ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

އަދި ބޭނުންވަނީ ބޮޑެތި އިގްތިސޯދުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ބޭރުކުރާ މިންވަރު މަދުކުރުމަށް ގަދައަޅައި މަސައްކަތްކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމައެއާއެކު ގެއްލުން ކުޑަކުރުމަށްކުރާ މަސައްކަތަކީ ހަމައެކަނި ކުރިމަތިވާ ކަންބޮޑުވުންތަކުގެ ދެބައިކުޅަ އެއްބައިކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ހުރިހާ ގައުމަކުން އެއްބައިވެގެން މަސައްކަތްކުރުމަށް ބާރުއަޅުއްވައި، ރައީސް، ވަނީ 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ނެޓް ޒީރޯ ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަގްވާމީ އެހީތެރިކަމާއެކު ހާސިލުކުރެވިދާނެ ލަނޑުދަނޑިއެއްކަމުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ސަބަބުންނާއި، އެހެނިހެން ސަބަބުތަކާއި ހުރެ ކުދި ގައުމުތަކަށް ކުރިއަށްދިއުމަށް އުނދަގޫތަކެއް ހުރިކަން ފާހަގަކުރައްވާ އެހެން ގައުމުތަކުން އެހީތެރިވުމަށް ބާރުއަޅުއްވާފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، އެމަނިކުފާނު ވަނީ 76 ވަނަ އާންމު މަޖިލީހަށް ދިވެހި ކުޑަކުދިން ފޮނުވާފައިވާ ސިޓީތަކުގައި، އެކުދިންގެ ތިމާވެށި އަންނަން އޮތް ޖީލަށް ރައްކާތެރިކޮށްދިނުމަށް އެދި ލިޔެފައިވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އަދި ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިއަދުގެ ޒުވާނުންނާއި އަންނަން އޮތް ޖީލު އެދޭގޮތަށް ދުޅަހެޔޮ، ދެމެހެއްޓެނިވި އަދި ފާގަތި މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅުއްވާފައެވެ.

"ޑެލިވަރިން ކްލައިމެޓް އެކްޝަން – ފޯ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" މަތީފަންތީގެ ބައްދަލުވުން އަމާޒުކޮށްފައިވަނީ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް މިހާރު އަދި ބޭނުންވާ ފަންނީ އަދި މާލީ ފަރަގު ފޫބެއްދޭނީ ކިހިނެއްތޯ ބެލުމަށެވެ.

މި ހައިބްރިޑް މީޓިންގެ މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް އެއްފަހަރާ ފިޔަވަޅު އަޅައި އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްކުރެވޭނެ އެންމެ ރަނގަޅުގޮތް ދެއްކުމެވެ.

comment ކޮމެންޓް