ތިޔަ ލޯބި އެދިގެން... - 15

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

"އަނބި ގަބޫލުކޮށްފިން."

ޝިޒާންގެ ދުލުން ބޭރުވި އެ ބަސްތަކާއެކު މިންހާއަށް، އިސްއުފުލައިލާ ޝިޒާންއަށް ބަލައިލެވުނެވެ. އެތައް ހާސް ހަންޖަރުތަކަކުން އޭނާގެ ހިތް ކަފާ ކުދިކުދި ކުރަމުންދިޔަ އިޙްސާސްއެއް އޭނާއަށް ކުރެވެމުން ދިޔައެވެ. ތުންފަތުގައި ދަތް އަޅައިލިލެއް ބާރުކަމުން ތުންފަތް ފަޅައިގެންގޮސް އަނގައިގައި ލޭރަަހަ ވެސް ލިޔެވެ. ކަރުނަތައް ކޮންޓްރޯލްކުރަން މިންހާ މަސައްކަތް ކުރަމުންދިޔައެވެ.

ޝިޒާން މިންހާއަށް ބަލައިލިއިރު، މިންހާ އިނީ އިސްޖަހާލައިގެންނެވެ. އެ ހިތުގައި އުތުރޭނޭ ޖަޒުބާތުތައް އޭނާއަށް އެނގޭކަހަލައެވެ. މިންހާއާ ވާހަކަ ދައްކައިލަން އޭނާ ހުރީ ކިތަންމެ ހާވެސް ބޭނުންވެފައެވެ. ކައިވެންޏަށްފަހު މިންހާގެ ޢަމަލުތައް ހުންނާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގެއެވެ.

ދުރުގައި ހުއްޓިލައިގެން ހުރި ޔޫލިންގެ ކައިރިއަށް އައިހަމް ދިޔައެވެ. އެއަށްފަހު، އޭނާ އެއްވެސް މީހަކަށް ނުފެންނާނޭ ގޮތަށް ޔޫލިންގެ އަތުގައި މަޑުމަޑުން ބީހިލިއެވެ.

"ކިހިނެއްވީ؟" މީހަކަށް ފެނިދާނެ..." ޔޫލިން މަޑުމަޑުން ސުވާލުކޮށްލިއެވެ.

"ލީން ދޮންބެއަށް ކިހިނެއްވެފަތަ އެ ހުންނަނީ؟ އިއްޔެއްސުރެ މީހާ އެކީ ނެގިމަޑުވެފަ. ވާހަކައެއް ދެއްކިޔަސް އެއްޗެއް ބުނަނީ ހާލަކުން ފަހަރަކު. ހީވަނީ ވަރަށް ބޮޑުކަމަކާ ވިސްނާހެން..." އައިހަމްގެ އެ ވާހަކައިން ޔޫލިންއަށް ރައިހާންއާ ދިމާލަށް އަވަސް ނަޒަރެއް ދެވުނެވެ. ރައިހާންގެ ނަޒަރު ހުއްޓިފައިހުރީ މޭޒު ދޮށުގައި އިށީނދެގެން ތިބި މިންހާއާ ޝިޒާންއަށެވެ. ވީ ގޮތް ޔޫލިންއަށް ނަގައިގަނެވުނެވެ. ފަހުން މިންހާ އާ މެދު ދެކޭގޮތް ރައިހާން ހާމަ ނުކުރިއެއްކަމަކު، އަދިވެސް މިންހާއާ މެދު ރައިހާންގެ ހިތުގައި އިޙްސާސްތަކެއް ވާކަން ޔޫލިންއަށް އެނގެއެވެ. މިރޭ ވަކިން ބޮޑަށް ރައިހާންގެ މޫނުމަތިން އެ ފެންނަ މާޔޫސްކަން ގުޅިފައިވާ ސަބަބަކީ ވެސް އެއީއެވެ.

"އެބަ އަންނަން އިނގޭ!" ޔޫލިން އައިހަމްއަށް ބަލައިލުމަށްފަހު، ރައިހާންއާ ދިމާލަށް ހިނގައިގަތެވެ.

"ދޮންބޭ!" ޔޫލިން ރައިހާންއަށް ގޮވައިލުމާއެކު، ސިހިފައި ރައިހާން އާއެކޭ ބުނެލިއެވެ.

"އާދެބަލަ!" ޔޫލިން ރައިހާންއަށް އަތުން އިޝާރާތް ކުރީ އޭނާއާ އެކު ބޭރަށް ޖެހިލުމަށެވެ.

"ކިހިނެއްވީ؟" މޫނުމަތިން ހަމަޖެހޭ އަސަރުތައް ދައްކަން ރައިހާން މަސައްކަތް ކުރަމުންދިޔައެވެ.

"ދޮންބޭ، އަހަންނަށް އެނގޭ އަދިވެސް ދޮންބެ މިންނު ދެކެ ލައިކްވާކަން..."

"ނޫން އެހެންނެއް ނޫން..." ޔޫލިންގެ ވާހަކަ ހުއްޓުވާ ވަގުތުން ރައިހާން އެކަން ދޮގުކުރިއެވެ.

"އަހަންނަށް އެނގެޔޭ ދޮންބެ އެއްބަސްނުވިޔަސް ހުރިހާ އެއްޗެއް. އަހަރެމެން ބޮޑުވީ އެކުއެކީގަ. ދޮންބެގެ ކަންތައް އަހަންނަށް ސިއްރެއްނުވާނެ..." ޔޫލިން ބުނެލިއެވެ. ކުޑައިރުއްސުރެ ވެސް އެ ދެމެދުގައި ވަރުގަދަ ގުޅުމެއް ވެއެވެ. އެކަކު އަނެކަކާ ގިނަކަންތައްތަކެއް އެ ދެމީހުން އަބަދުވެސް ހިއްސާކުރެއެވެ. ޔޫލިންއަށް އިތުރަށް އޮޅުވާނުލެވޭނެކަން އެނގި ރައިހާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާއަށް ނިތުގައި އަތް ހިންގައިލެވުނެވެ.

"ދޮންބޭ. މިހާރު މިންނު އެއީ އެހެންމީހެއްގެ ޙައްޤެއް. ދޮންބެވެސް އެހެން ކުއްޖެއް ތި ޙަޔާތަށް ގެނައިމަ ހުރިހާކަމެއްވެސް މަޑުމަޑުން ހަމައަކަށް އެޅިދާނެ." ޔޫލިން ބުނެލިއެވެ. ރައިހާން ހަމައެކަނި ބޯ ޖަހައިލީއެވެ.

"މިހާރު އައިހަމްއަށް ވެސް ފާހަގަވެއްޖެ! ދެން ވެސް މޫނު ކުނިކޮށްގެން ނުހުރެ ނިކަން ހެޕެނިންގް ވެބަލަ! ދުނިޔެއިން އަންހެން ކުދިން ހުސްވީއެއް ނޫނޭ އަދި." ޔޫލިން ލާނެތް ގޮތަކަށް ބުނެލީ ރައިހާންގެ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ދުރުކޮށްލުމުގެ ބޭނުމުގައެވެ.

"ތިހެން ބުނީމަ މި ހަނދާންވީ... ތި ދެމީހުން މިހާރު ކޮންކަމެއްތަ؟ މާ ގިނައިން އެއްކޮށް އެބަ ފެނޭ..." ރައިހާން ޝައްކުގެ ނަޒަރަކުން ޔޫލިންއަށް ބަލައިލިއެވެ. އެ ދެމީހުންގެ ފަރާތުން ކުރިން ނުފެންނަ ކަންތައްތައް މިވީ ދުވަސްކޮޅުގެ ތެރޭގައި އޭނާއަށް ފެނިފައިވެއެވެ.

"ކޮން ކަމެއްތަ؟ ހިނގާ އެތެރެއަށް ދަމާ..." ޔޫލިން އުޅުނީ މައުޟޫ އަނބުރައިލަމުން އެތަނުން އަވަހަށް ދާށެވެ.

"ތިހެން މާ އަވަހަކަށް ނުދެވޭނެ، ބުނޭ! މިހާރު ޔަޤީންވެއްޖެ ކަމެއް އުޅޭކަން ތި ދެމެދުގަ..." ރައިހާން ޔޫލިންއަށް ހުރަސްއަޅަމުން ވާހަކަ ދެއްކިއެވެ. ވަރަށް ނުބުނަން އުޅެފައިވެސް ޔޫލިން އެންމެފަހުން އޭނާއާއި އައިހަމްގެ ގުޅުން ހާމަކޮށްލީ އިތުރަށް ސިއްރު ނުކުރެވޭނެކަން އެނގޭތީއެވެ.

"ވަގު މީހެކޭ އެ އައިހަމް އަކީ. " ރައިހާން ބުނެލިއެވެ. އޭނާ ޔޫލިންއާ ދިމާކޮށްލިއެވެ. ޔޫލިން ލަދުގަތެވެ. ދެމީހުން އެތެރެއަށް ދާން ހިނގައިގަތެވެ.

"ދެން އެތެރެއަށް ވަދެފަ އަނެއްކާ މޫނު ހަދައިގެނެއް ނޫން ހުންނާނީ... ދޮންބެގެ އިންތިޒާރުގަ ވެސް އެބަތިބިވިއްޔަ އެތަކެއް ކުދިންނެއް. އެހެރަ ފާތުމަމެން ގޯތި ފައިހާވެސް އެހެރީނުން." ޔޫލިން ދިމާކޮށްލިއެވެ.

"ހޫން. އޭނަ ނޫން މީހަކު ނުވެގެން މިއުޅެނީ..." ރައިހާން ބުނެލިއެވެ. ދެމީހުން ގޮސް އެތެރެއަށް ވަތްއިރު، ކައިވެނީގެ ރަސްމިއްޔާތު ނިމިއްޖެއެވެ. އޭރު ގާޒީއާ ހެކިވެރިން ގޮވައިގެން ހަނީފް އުޅެއެވެ. މިންހާ ކައިރީގައި ޒުބައިދާ މަޑުކޮށްލައިގެން ހުރިއިރު، ޝިޒާން ވެސް އެތަނުގައި ހުއްޓެވެ. އޭނާ ހުރީ އައިހަމްއާ ވާހަކައެއް ދައްކާށެވެ. ހަނީފް ޝިޒާންއަށް ގޮވައިލުމުން އޭނާ ދިޔުމުން ރައިހާން އައިހަމްގެ ކައިރިއަށް ގޮސް އައިހަމްގެ ކޮނޑުގައި ޖަހައިލިއެވެ.

"އޭތް. ތަދުވެއްޖޭ..."

"ތަދުކުރެވުނު ވަރު ކުޑައީއެއްނު އަދި." ރައިހާން ބުނެލިއެވެ.

"މިހާރު ކިހިނެއްވީ؟ ގައިމު ދެންމެ ހުރީ މޫނު ހަދައިގެން. ހަހަ!" އައިހަމް ބުނެލިއެވެ.

"އަހަންނަށް އަންގާވެސް ނުލާ ކަންތައްގަނޑެއް ހިންގާލައޭ އެބަ މީނަ..." ރައިހާން ބުނެލިއެވެ. އައިހަމްއަށް ބަލައިލެވުނީ އެ ދިމާލަށް ބަލަހައްޓައިގެން ހުރި ޔޫލިންއަށެވެ. ޔޫލިންގެ މޫނުމަތގައިވި ލަދުވެތި އަސަރުތަކުން ވީ ގޮތް ކޮންމެވެސް ވަރަކަށް އައިހަމްއަށް ނަގައިގަނެވުނެވެ. ރައިހާން އައިހަމްއާ ދިމާކޮށްލިއެވެ.

ޒުބައިދާ ކައިރީގައި ހުރި މިންހާ، އޭނާގެ ދެއަތް ދެއަތާ މޮޑެމުން ދިޔައެވެ. ކަމަކު ޒުބައިދާ ދުރަށް ޖެހިލި ވަގުތު ޝިޒާން އައިސް މިންހާގެ ކައިރީގައި ހުއްޓުނެވެ. އެއަށްފަހު، އޭނާ ވާހަކަ ދެއްކިއެވެ.

"އާ ޔޫ އޯކޭ؟" އޭނާ އަހައިލިއެވެ. މިންހާގެ މޫނުމަތިން ފެންނަމުންދިޔަ ހިތްދަތި އަސަރުތައް، އޭނާގެ ހިތަށް ވެސް ތަދުކުރަމުންދިޔައެވެ.

"އަހަރެން އޯކޭ ނޫނަސް ކުރެވޭނެ ކަމެއް އޮންނާނެތަ؟" އެ ޖުމްލަ ދުލުކުރިއަށް ގެންނަން މިންހާއަށް ނުކުޅެދުނީ، ވާހަކަދައްކަން ފަށާއިރަށް ރޮވޭނެކަން އޭނާއަށް ޔަޤީންވާތީއެވެ. އެހެންކަމުން، އޭނާ ޚިޔާރުކުރީ ހިމޭންކަމެވެ. އެކަމުން ޝިޒާންއަށް އުނދަގޫވިއެވެ. އޭނާ އިތުރަށް މިންހާއާ ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް، މިންހާގެ ފަރާތުން އޭނާއަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. މިންހާގެ އެ ހިމޭންކަން އޭނާއަށް އެތަކެއް ވާހަކަތަކެއް ބުނެދެމުން ދިޔައެވެ. މިންހާގެ ދެލޯ އޭނާއަށް އެތަކެއް ކަމެއް އަންގަމުންދިޔައެވެ. އެ ހިތުގައި ހިނގަމުންދިޔަ ހައިޖާނުގަނޑުގެ އަސަރު އެ މޫނުމަތިން ސާފުކޮށް ފެންނަމުންދިޔައެވެ. އެ ހިތާމަތައް ލުއި ކޮށްދޭން އޭނާއަށް ކޮށްދެވޭނީ ކޮންކަމެއްކަމެއް ޝިޒާންއަކަށް ނޭނގެއެވެ. މިންހާގެ ހިތާމަތައް އޭނާއަށް ވެސް އަންދާޒާކޮށްލެވުނެވެ. މިންހާއާ މެދު އޭނާއަށް ޙަމްދަރުދީވެވުނެވެ. ބައްޕައަށްޓަކާވެސް، މިންހާ އެކުރީ ނުލާހިކު ބޮޑުކަމެކެވެ. ބައްޕައަށްޓަކާ ނުވެސް ދަންނަ މީހަކާ އެކު ޒަވާޖީ ޙަޔާތެއް ފަށަން ނިންމުުމުން އޭނާގެ ހިތުން މިންހާއަށް ދެވިފައިވާ ޤަދަރު އެތައް ތަނެއް އުފުލިގެން ދިޔައެވެ. މިންހާއަކީ ކިޔަމަންތެރިކަމުގައި ވެސް ނަމޫނާއެއްކަމުގައި އޭނާއަށް ޔަޤީންވިއެވެ. ހިތާ ދެކޮޅަށް ނިންމުންތައް ނިންމުމަކީ، މަދު މީހަކަށް ނޫނީ ކުރެވޭނޭ ކަމެއް ނޫނެވެ. އެއީ ހިތްވަރުގަދަ މީހުންގެ ސިފައެކެވެ.

އެ ދެމީހުން އެތަނުގައު ތިއްބާ ސައިބޮއިގެން ގާޒީ ދިޔުމުން ހަނީފް އައިސް އެ ދެމީހުންގެ ކައިރިއަށް ހުއްޓުނެވެ. އޭރު އޭނާގެ މެއާ ދިމާލަށް ކޮންމެވެސް ވަރަކަށް ތަދެއް އަރަމުންދިޔައެވެ. އެހެންނަމަވެސް، އޭނާ މާ ބޮޑަށް އެކަމާ އަޅައެއް ނުލައެވެ. އެންމެން ދިޔުމުން، އަރާމުކޮށްލީމާ ރަނގަޅުވާނޭކަމަށް ހަނީފް ހީކުރިއެވެ.

"ދަރިފުޅާ!ބައްޕަ މިއަދު ވަރަށް އުފާވެއްޖެ!" ހަނީފްގެ އަޑުން އެކަނިވެސް އޭނާ އުފާވެފައިވާ މިންވަރު ހާމަވަމުންދިޔައެވެ. އޭނާ މިންހާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. މިންހާ ގަދަކަމުން އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތް ކުރިއެވެ. ހަނީފް މިންހާގެ ބޮލުގައި ފިރުމައިލަމުން، އެ ދެމަފިރިންނަށް ނަސޭހަތް ދިނެެވެ.

ކައިވެނީގެ ސަޔަށް ދަޢުވަތު ދެވިގެން އައި ގާތް ރަޙްމަތްތެރިންނާ ޢާއިލާގެ މީހުން ގޮސް އަވަދިވިއިރު، ރޭގަނޑު އެގާރަ ޖަހައިފިއެވެ. މިންހާގެ ކައިރީގައި އެމީހުންވެސް ދަނީކަމަށް ބުނެ ޔޫލިންމެން ވެސް ހިނގައްޖެއެވެ. މިހާރު ގޭތެރޭގައި ތިބީ މިންހާއާއި ޝިޒާންގެ އިތުރުން ހަނީފްއެވެ. މެއަށް އަރަމުންދިޔަ ރިހުން ހިނދެއް ހިނދަކަށް ގަދަވަމުންދިޔަ އިޙްސާސްއެއް ވެސް ހަނީފްއަށް ކުރެވެމުންދިޔައެވެ. ހަމައެއާއެކު ފާޑެއްގެ ތަދެއް އޭނާގެ ހަށިގަނޑުގެ ވާއަތް ފަރާތަށް އަރަމުންދިޔަހެން ހަނީފްއަށް ހީވިއެވެ. ކޮނޑާ ދިމާލުގައި އެ އުނދަގޫތައް ވަކިން ބޮޑަށް ހުރިހެން އޭނާއަށް ހީވިއެވެ. ބޮލަށް ބަރުވެ ބޮލަށް އެނބުރުން އަރާ ކަހަލަ އިޙްސާސްއެއްވެސް އޭނާއަށް ކުރެވެމުންދިޔައެވެ. ނޭވާ ލާން އުނދަގޫވެ ނޭވާ ހިނދެއްހިނދަކަަށް ކުރުވަމުން ދިޔައެވެ.

މިންހާހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނާ އަދި ޝިޒާންއާއެކު، އެއް ކޮޓަރިއެއް ހިއްސާކުރާކަށް ތައްޔާރެއް ނޫނެވެ. އެހެންނަމަވެސް ބައްޕަގެ ކުރިމަތީގައި، ދެ ކޮޓަރިއެއްގައި ދެމީހުން އުޅެން އޭނާއަށް ކެރޭނީ ކިހިނަކުންހެއްޔެވެ؟ އޭނާގެ ހިތުގައި އުތުރިއަރަމުންދާ އެ އިޙްސާސް ތައް ޝިޒާންއަށް އިޙްސާސްވާނެ ހެއްޔެވެ؟

އަނެއްކޮޅުން ޝިޒާންގެ ހިތުގައިވެސް ހިނގަމުންދިޔައީ ހަމަ އެ ހައިޖާނުގަނޑެވެ. މިންހާއަށް ނޭނގުނަސް، އޭނާ މިންހާއާ މެދު އިންތިހާއަށް ވިސްނައެވެ. މިންހާ ނުތަނަވަސް ވާގޮތަަކަށް އެއްކަމެއް ކުރާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. އެކަން މިންހާއަށް އެނގޭނެނަމަ ކިހާ ރަނގަޅުހެއްޔެވެ؟.

"ދަރިފުޅުމެންވެސް ނިދަން އުޅެންވީނު. ބައްޕަވެސް ވަރަށް ވަރުބަލިވެފަ މިހިރީ... ނިދާލަން ކޮޓަރިއަށް މި ވަންނަނީ..." މެއަށް އަރަމުންދިޔަ ތަދު ބޮޑުވަމުންދިޔައީތީ، ހަނީފްއަށް ކޮޅަށް ހުންނަން ދަތިވިއެވެ.

ޝިޒާންއާ މިންހާއަށް ބަލައިލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. އެތައް ވާހަކަތަކެއް އެ ދެ ނަޒަރުން އެކަނިވެސް ބުނެދެމުންދިޔައެވެ. ހިނދުކޮޅަކަށް އެކަކު އަނެކަކުގެ ދެލޮލުގެ ތެރެއަށް ބަލަހައްޓައިގެން ދެމީހުންނަށްވެސް ތިބެވުނެވެ.

އިވުނު އަޑުފައްގަނޑާއެކު ދެމީހުންނަށް ވެސް ނަޒަރު ވަކިކޮށްލަމުން ހަނީފްގެ ކޮޓަރިއާ ދިމާލަށް ބަލައިލެވުނެވެ. އޭރު ހަނީފް އޮތީ ވެއްޓިފައެވެ.

"ބައްޕާ..." މިންހާއަށް ވަގުތުން ހަޅޭއްލަވައިގަނެފައި، އެ ދިމާލަށް ދުއްވައިގަނެވުނެވެ. ޝިޒާންއަށް ވެސް މެއެވެ. މިންހާ ގޮސް ކަކޫ ޓައިލްސްތަކު މަތީގައި ޖައްސައިލަމުން އޭނާގެ ބައްޕަގެ ބޯ އުފުއްލައިލިއެވެ. އޭރު ބޮލުންވެސް ގިނަ އަދަކަކަށް ލޭ ފައިބަމުންދިޔައެވެ.

"ބައްޕާ..." ހަނީފްގެ ހެޔެއް ނެތެވެ. މިންހާއަށް ރޮވެން ފެށުނެވެ. އޭނާގެ ކޯތާފަތް މަތިން ކަރުނަތައް ރޮނގުދެމިގެން ތިރިއަށް ދާން ފެށިއެވެ. ޝިޒާން އަވަސް އަވަހަށް އޭނާގެ ޖީބުން ފޯނު ނަގާ، އެންބިއުލެންސްއަށް ގުޅައިލިއެވެ. އެކޮޅުން އެންބިއުލެންސް ފޮނުވަނީކަމަށް ބުނުމުން، އަވަސް ކުރަން ބުނެފައި އޭނާ މިންހާއަށް ބަލައިލިއެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.

"ފޮތިގަނޑެއް ގެނެސްދީބަލަ! ބައިވަރު ލޭ އެބަ އާދޭ ބޮލުން..." ޝިޒާން އެހެން ބުނުމުން މިންހާ ރޮމުންރޮމުން ތެދުވިއެވެ. އެއަށްފަހު އޭނާ ކޮޓަރިއަށް ވަދެފައި ފޮތިގަނޑެއް ހިފައިގެން އައެވެ. ޝިޒާން މިންހާގެ އަތުން އެ ފޮތިގަނޑު އަތުލަމުން ބޮލުގައި ޖައްސާ ބާރުކޮށްލަމުން ލޭ މަނާ ކުރެވޭތޯ އަވަސްވެގަތެެވެ. މިންހާ ވެސް އަނެއްކާ އިށީނދެލިއެވެ. އޭރުވެސް އޭނާއަށް ރޮވެމުންދިޔައެވެ.

"އެންބިއުލާންސް އަދިވެސް ނާދޭ... ހާދަ ލަހޭ... ބައްޕާ... ލޯ ހުޅުވަަބަލަ! ބައްޕާ ޕްލީޒް..." މިންހާއަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެއެވެ. އެ ޙާލަތުގައި ހަނީފްއަށް ބަލަމުން މިންހާ ހަމައަކަށް އެޅުވޭނޭ ގޮތެއް ޝިޒާންއަކަށް ނޭނގުނެވެ. އޭނާ މިންހާއަށް ބަލައިލަމުން ހިތްވަރުގެ ބަސްތައް ބުނަމުންދިޔައެވެ. އޭރުވެސް މިންހާގެ މަޑު ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ.

"އެ އައީ އެންބިއުލާންސް..." އެންބިއުލާންސްގެ ސައިރެންގެ އަޑާއެކު ޝިޒާން ބުނެލިއެވެ. އޭނާ ހަނީފް އުފުއްލައިގެން އަވަސްވެގަތެވެ. އެތެރެއަށް ވަތް ޕެރެމެޑިކްގެ ޓީމާއެކު، ހަނީފްގެ ހަށިގަނޑު އުފުއްލާލައިގެން ގެންގޮސް އެންބިއުލެންސަށް އެރުވިއެެވެ. ޝިޒާންއާ މިންހާއާ ދެމީހުންވެސް އެތެރެއަށް ވަނެވެ. ލަސްނުކޮށް އެންބިއުލާންސް ދުއްވައިލިއެވެ. ހަނީފްގެ ވިންދު ދިޔައީ ހިނދެއް ހިނދަކަށް މަޑުވަމުންނެވެ. ރަށު ސިއްޚީ މަރުކަޒު ދޮށަށް އެންބިއުލާންސް ކައިރިކުރިއެވެ. ވަގުތުން ހަނީފަށް އަވަސް ފަރުވާ ދެވެން ފެށުނެވެ. ޑޮކްޓަރުންނާ ނަރުހުން އަތްމަތި އަވަސްކޮށްލާފައި އުޅެން ފެށިއެވެ. ޑޮކްޓަރުން ބަލާފައި ބުނީ ހާރޓް އެޓޭކެއް ކަމުގައެވެ. ހަނީފްގެ ޙާލަތު ވަރަށް ނާޒުކު ކަމުގައި އެމީހުން ބުނެލިއެވެ. ވީހާވެސް އަވަހަކަށް މާލެ ގެންދަން ޖެހޭކަމުގައި ޑޮކްޓަރުން ބުންޏެވެ. ޝިޒާން ބުނީ އެއްވެސް ކަމަކާ ހާސްނުވެ އެ ހުރިހާކަމެއް ހަމަޖެއްސުމަށެވެ.

ކޮޅަށް ހުންނަން ދަތިވެގެން މިންހާއަށް ފާރުގެ އެހީ ހޯދައިލެވުނެވެ. އޭރުވެސް އޭނާއަށް ބާރަށް ރޮވެމުންދިޔައެވެ. އަނގަމަތީގައި އަތް އަޅައިލަމުން އޭނާއަށް ހުރިތަނަށް ތިރިވެވެން އުޅުނެވެ. ހުޝިއާރުކަމާއެކު، ޝިޒާން ގޮސް މިންހާގެ ގައިގައި ހފައްޓައިލިއެވެ. އަދި މިންހާ އަތުލަފިކޮށްގެން ގެންގޮސް އެތަނުގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި މިންހާ ބެއިންދިއެވެ.

"މިންހާ... ހިތްވަރުކުރޭ... ދައްތައަށް ގުޅާފަ ބުނަން ވެސް ވާނެއެއްނު..." ޝިޒާން އަވަސްވެގަތީ ޒުބައިދާއަށް އެ ޚަބަރު ދޭށެވެ. އޭނާ ފޯނު ނަގާ ޒުބައިދާއަށް ގުޅައިލިއެވެ. ޒުބައިދާ ފޯނު ނެގުމާއެކު، ވީ ގޮތް ޝިޒާން އޭނާއަށް ކިޔައިދިނެވެ. ހަމަ މިހާރު މި ދަނީކަމަށް ބުނެ ޒުބައިދާ ފޯނު ކަނޑައިލިއެވެ.

ރޮމުން ދިޔަ މިންހާ ހަމައަކަށް އަޅުވާނޭ ގޮތެއް ޝިޒާންއަކަށް ނޭނގެއެވެ. އޭނާ މިންހާގެ ކައިރީ ގޮނޑީގައި އިށީނދެލިއެވެ. އެއަށްފަހު، މިންހާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އޭރުވެސް މިންހާ ދިޔައީ މޫނުމަތީގައި އަތް އަޅާލައިގެން އިނދެގެން ބާރަށް ރޮމުންނެވެ.

"މިންހާ. އިރާދުކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ!. ހިތްވަރުކުރޭ. މިވަގުތު އަހަރެމެންނަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ދުޢާ ކުރުން. މިންހާ ބައްޕަ މާލެ ގެންދިޔުމަށް ކުރަންޖެހޭ ހުރިހާކަމެއް ވެސް ކުރަމުން މިދަނީ.. އިރާކުރެއްވިއްޔާ ބައްޕައަކަށް އެއްވެސް ކަމެއް ނުވާނެ." ޝިޒާން މިންހާގެ ބޮލުގައި ފިރުމައިލިއެވެ. އޭނާ މިންހާ މޫނުމަތީގައި އަޅާފައިވާ އަތުގައިވެސް ހިފައްޓައިލިއެވެ. މިންހާ އެ އަތް މޫނުމަތީގައި އަޅާ ބާރުކޮށްލާފައިވާގޮތުން ނައްޓައިލަން ޝިޒާންއަށް ވީ އުނދަގޫކަމަކަށެވެ. އެވަގުތު ޑޮކްޓަރު ނުކުމެ ހަނީފްގެ ޙާލަތު ދަށަށް ދާކަމަށް ބުނެލިއެވެ. މިންހާ މޫނުމަތިން އަތް ނައްޓައިލިއެވެ. އެއާއެކު އޭނާގެ ރުއިން ބާރުވެގެން ދިޔައެވެ.

ލަސްތަކެއް ނުވެ ޒުބައިދާ ވެސް އަތުވެއްޖެއެވެ. އޭނާ މިންހާގެ ކައިރީގައި އިށީންއިރު އޭނާއަށް ވެސް ރޮވެން ފެށިއެވެ. ޒުބައިދާ އައިތާ ފަސް ވަރަކަށް މިނިޓް ފަހުން ސަކީނާއާއި އޭނާގެ ފިރިމީހާ ރަތީބްގެ އިތުރުން ރައިހާންއާ އައިހަމްއާ ޔޫލިން އައިސްވަނެވެ. އެކުވެރިޔާގެ ޙާލުފެނުމުން ޔޫލިންއަށް ވެސް އެދިމާލަށް ދެވުނެވެ. އޭނާ ފެނުމާއެކު މިންހާ ޔޫލިންގެ ގައިގައި ބައްދައިގަތެވެ. އޭރު މާލެ ފުރުމުގެ ކަންތައް ހަމަޖައްސަން ޝިޒާން ހަރަކާތްތެރިވަމުންދިޔައެވެ. ޔޫލިންއާ އައިހަމްއާ ދެމީހުން ހިނގާލަން ވެގެން ރަށުގެ ގޮނޑު ދޮށުގައި ތިއްބާ އެ ގުޅާފައި ޙަބަރު އޭނާއަށް ދިނީ ސަކީނާއެވެ. އަވައްޓެރިއަކު ސަކީނާއަށް އެ ޙަބަރު ދިނުމުން މިއަދު ރަށަށް އައި އޭނާގެ ފިރިމީހާއާ ރަތީބްއާ ރައިހާންއާ ގޮވައިގެން އޭނާވެސް އަވަސް އަވަހަށް ހޮސްޕިޓަލަށް އައީއެވެ.

ހިތްވަރުގެ ބަސްތަކުން މިންހާއަށް އިތުރަށް ރޮވެމުންދިޔައެވެ. ހުރިހާކަމެއް ހަމަޖެއްސުމަށްފަހު، ޝިޒާން އައިސް ހުއްޓުމާއެކު، ރައިހާން ސުވާލުކޮށްލިއެވެ.

"މިހާރު ލޯންޗަށް ގެންދަންވީ..."

އެވާހަކަ ބުނުމުން މިންހާ ތެދުވިއެވެ. އެތެރެއިން ހަނީފް ނެރޭނޭ ވަގުތަކަށް މިންހާ އިންތިޒާރުކުރިއެވެ. ޑޮކްޓަރު ނުކުތުމާއެކު، މިންހާ ކުރިއަށް ޖެހިލިއެވެ. އެއާއެކު ޝިޒާން ސުވާލުކޮށްލިއެވެ. އަދިވެސް ހަނީފް ނުނެރެނީ ކީއްވެތޯ އަހައިލިއެވެ. އެންމެންވެސް ޑޮކްޓަރުގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދިޔައެވެ. މިންހާވެސް ހުރީ ކެތްތެރިކަން ކޮޅުންލާފައެވެ. އޭރުވެސް އޭނާގެ ގިސްލުމަކަށް ބަދަލެއް ނާދެއެވެ. ޑޮކްޓަރު މާޔޫސްވެފައިވާ، މޫނަކައިގެން ދިން ޚަބަރަކުން މިންހާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަފަދަ އިޙްސާސްއެއް އޭނާއަށް ކުރެވުނެވެ. ވަގުތުން އޭނާއަށް ފަހަތަށް ފިޔަވަޅެއް، އަޅައިލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު