ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެމްއެންޕީގެ އެހީތެރިކަމަށް އެމްޑީޕީން އެދިއްޖެ

އެމްއެންޕީގެ ލީޑާޝިޕް -- ފޮޓޯ/ އެމްއެންޕީ

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ޓަކައި ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެހީތެރިކަމަށް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން އެދިއްޖެއެވެ.

އެމްޑީޕީން މިކަމަށް އެދުނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ދައުވަތަކަށް އެ ޕާޓީގެ އިސް ވެރިންނާއެކު އެމްއެންޕީގެ ލީޑާޝިޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

އެމްއެންޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއަށް މިއަދު ދިމާވެފައިވާ މުހިއްމު އެކިއެކި ކަންކަމާބެހޭގޮތުން ވާހަކަ ދެކެވި އެކަންކަން އިސްލާހު ކުރުމަށް ޓަކައި އެކުގައި މަސައްކަތް ކުރުމަށް، އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަމަށެވެ.

އޭގެ އިތުރުން ގާނޫނު އަސާސީއަށް ގެންނަންޖެހޭ މުހިއްމު އިސްލާހުތަކާބެހޭގޮތުން ވެސް ވާހަކަ ދެކެވުނު ކަމަށް އެ ޕާޓީން ބުންޏެވެ.

"ރައްޔިތުންގެ މެދުގައި ޖުޑިޝަރީއާމެދު އިތުބާރު އިތުރުކުރުމަށް ޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި، ވެރިކަން ކުރުމުގެ ނިޒާމްގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް ޓަކައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭގޮތުންފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނު،" އެމްއެންޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްއެންޕީން ބުނީ ގައުމުގެ މުސްތަގްބަލާ ގުޅޭ އެފަދަ މުހިއްމު ނިންމުންތައް ނިންމުމުގެ ކުރިން އެ ކަންކަމާބެހޭގޮތުން ރައްޔިތުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

އެހެންކަމުން އެކަމާ ގުޅޭގޮތުން ޕާޓީން ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ ހިންގާ ކައުންސިލުގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ޕާޓީގެ އާއްމު މެމްބަރުންނާއި ދިވެހި ރައްޔިތުން އެކަންކަމާ ގުޅޭގޮތުން، ދެކޭ ގޮތެއް ސާފު ކުރުމަށްފަހުގައި ކަމަށް، ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް