މާލޭގެ ސްކޫލެއްގައި ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި އިތުރު ޓީޗަރަކު ސަސްޕެންޑުކޮށްފި

ކުޑަކުދިންތަކެއް މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ސްކޫލެއްގައި ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި އިތުރު ޓީޗަރަކު ސަސްޕެންޑުކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލޭގެ ސްކޫލެއްގައި ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ އިދާރީ ތަހުގީގެއް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މައްސަލަ ބަލައި ނިމެންދެން އެ ޓީޗަރު ސަސްޕެންކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަ ނުކުރެއެވެ.

މާލޭގެ ސްކޫލެއްގައި ޕްރީސްކޫލް ދަރިވަރަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ޓީޗަރަކު ސަސްޕެންޑުކޮށްފައިވާ ކަމަށް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ފުލުހުން ވަނީ އޭރު އެ މައްސަލަވެސް ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅައިފައިވެއެވެ.

އެ މައްސަލައިގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރިއެވެ.

comment ކޮމެންޓް