މި ހިނގާ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ވެންޓިލޭޓަރު މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވެންޓިލޭޓަރު މައްސަލައިގެ އަޕްޑޭޓެއް ދެއްވުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އެދިވަޑައިގަތެވެ.
އެކަމާ ގުޅިގެން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި މިހާރު ހުރިހާ ބަޔާނެއް ނަގައި ނިމިފައިވާ ކަމަށެވެ.
ހަމައެހެންމެ މި މަސް ނިމުމުގެ ކުރިން ވެންޓިލޭޓަރު މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
އެއާއެކު މެންބަރު ހަލީމް ވަނީ އަލުން ދައުވާ ކުރަން ނިންމަނީތޯ ސުވާލުކުރައްވާފައެވެ.
މެންބަރު ހަލީމްގެ އެ ސުވާލަށް ޖަވާބުދެއްވަމުން ޝިއުނާ ވިދާޅުވީ ކުރިން ޕީޖީއަށް މައްސަލަ ފޮނުވިއިރު ދައުވާ ނުކުރަން ނިންމުމަށްފަހު އަލުން ފޮނުވިއިރު ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލައި، އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
"ދެ ކަމެއް ފާހަގަކުރެއްވި، އެއީ އެގްރީމެންޓާ ގުޅޭ ގޮތުން ދައުލަތަށް ގެއްލުންވާ ގޮތަށް ކަންތައްތަކެއް ހިނގައިފައި ހުރީމާ އެ ކަންތައް އިތުރަށް ތަހުގީގުކޮށްފަ ފޮނުވައިދޭން އެދި،" ޝިއުނާ ވިދާޅުވިއެވެ.
ދެ ވަނަ ކަމަކަށް ޕީޖީން ފާހަގަކުރެއްވީ ފައިސާއާ ބެހޭ އިތުރު މައުލޫމާތު ތަކާއެކު އެބައި ތަހުގީގު ކުރުމަށް ފަހު ފޮނުވައިދިނުން ކަމަށް ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ އިތުރަށް ވިދާޅުވީ އެގްރީމެންޓު ބަޔަކީ ކުރީގެ ތަހުގީގުގައި ނުހިމެނޭ ކަމެއް ކަމަށެވެ. އަދި ދެ ބައި ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރެވޭނެ ވަރަށް ހެކި ހުރިނަމަ ދައުވާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީއަށް ފޮނުވިއެވެ. ނަމަވެސް، ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީއިން ދައުވާ ނުކުރަން ނިންމިއެވެ. އަދި މައްސަލަ އަލުން ރިވިއުކުރުމަށް ނިންމައި ޕީޖީން ވަނީ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލައިފައެވެ.
ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާތަނަށް ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލައި އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ.
އެ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށްދީފައި ނުވާތީ މިއަހަރުގެ މެއި މަހު ދިވެހި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކުރަން ނޯޓިސް ފޮނުވާފައެވެ.