އެމްއެމްޕީއާރްސީގެ މައްސަލައެއް ނިންމަން އަށް މަސް ނަގާ، އަަވަސްކުރަން ހަތަރު މިލިއަން ރުފިޔާ ބޭނުންވޭ: އޭސީސީ

މިނިވަން މުއައްސަސާ ކޮމިޓީގެ ޖަލްސާއެއްގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ --- ސަންފޮޓޯ / ފަޔާޒު މޫސާ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅިފައިވާ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގުކޮށް ނިންމުމަށް އަށް މަސް ދުވަސް ހޭދަވާ ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

އޭސީސީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާ ގުޅޭ ގޮތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެމްއެމްޕީއާރްސީގެ މައްސަލަތައް މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ ސުވާލުކުރައްވައި، އެކަމުގެ ތަފްސީލު ހާމަކުރުމަށް އެދިވަޑައިގެންފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ އާންމު ފަރުދުންނާއި ފޮރެކްސް ހިމެނޭހެން ޖުމްލަ 338 މައްސަލައެއް ބަލަން ޖެހޭ ކަމަށް ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ.

ޝިއުނާ ވިދާޅުވީ އެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ 38 މައްސަލަ ކަމަށާއި ނުނިމި 223 މައްސަލައެއް އެބަހުރި ކަމަށެވެ.

މި މަސައްކަތް ލަސް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައެއް ބެލުމަށް އެވްރެޖުކޮށް އަށް މަސް ނަގާތީ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

"އެމްއެމްޕީއާރްސީގެ މައްސަލައެއް ނިންމަން އެބަ ނަގާ އަށް މަސް، އެއީ ބޭސްޑް އޮން މިހާތަނަށް ނިންމާފައި ހުރި މައްސަލަތަކަށް ނަގައިފައިހުރި މުއްދަތަކަށް ބަލާނަމަ،" ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ މި ކަން ހައްލުކުރުމަށް އޭސީސީއަށް އިތުރު 12 މުވައްޒަފުން ބޭނުންވާތީ ފިނޭންސަށް ޕްރޮޕޯސަލް ހުށަހަޅައިފައިވާނެ ކަމަށެވެ. އަދި އިތުރު މުވައްޒަފުންނަށް އިތުރު ބަޖެޓު ވެސް ބޭނުންވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

"ގާތްގަނޑަށް އިތުރު ހަތަރު މިލިއަން ރުފިޔާ ބޭނުންވާނެ މި ތަހުގީގު އަޅުގަނޑުމެން އެކްސްޕެކްޓް ކުރާ ސްޕީޑުގަ، އަނެއްކާ ކަން ހިނގާފައި އޮތް ގޮތާއި މުއްދަތަކަށް ބަލާނަމަ، އެ ސްޕީޑުގައި ކުރިއަށް ގެންދަން ބޭނުންވާ ނަމަ އިތުރު ބާރަ މުވައްޒަފުން،" ޝިއުނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭސީސީގައި އެމްއެމްޕީއާރްސީގެ މަސައްކަތް ކުރި ބައެއް މުވައްޒަފުން ވަކިވެފައިވާތީ އެކަމުގެ ދަތިތަކެއް ކުރިމަތިވާކަން ވެސް ޝިއުނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް