ނ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕަސް ހޯލް ނިންމަން ހަތް މިލިއަން ރުފިޔާގެ އެއްބަސްވުމެއް

ނ. އަތޮޅު މަދަރުސާގެ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކުރުން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ނ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕަސް ހޯލް އިމާރާތުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް، އެޑިއުކޭޝަން މިނިސްޓްރީން ހަތް މިލިއަން ރުފިޔާގެ އެއްބެސްވުމެއް ހަދައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލު ކޮށްފައި ވަނީ އަފާމީ މޯލްޑިވްއާއެވެ.

މި އެއްބަސްވުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަދި
އަފާމީ މޯލްޑިވްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 300 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދު ކުރާ ކަމަށެވެ.

ނ. އަތޮޅު ސްކޫލްގެ މަލްޓި ޕާޕޯސް ހޯލު އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ބަޔަކާ ހަވާލު ކުރީ 2019 ވަނަ އަހަރުގެ އޯގަސްޓް ހަތްވަނަ ދުވަހުއެވެ. އެއީ ތ. ވޭމަންޑޫ ސްކޫލް އަދި ދ. މާއެނބޫދޫ ސްކޫލުގައިވެސް އެފަދަ ހޯލެއް އެޅުމުގެ މަސައްކަތާ އެއްކޮށެވެ.

އޭރު ހަތް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމުމަށް މާރިސް ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކާ ހަވާލުކުރީ 22.04 މިލިއަން ރުފިޔާއަށެވެ.

އެ ކުންފުންޏާ ހަވާލުކުރީ މަލްޓި ޕާޕަސްގެ ދެ ބުރި އިމާރާތުގައި އިލެކްޓްރިކަލް ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ދެ ޗޭންޖިން ރޫމެއްގެ އިތުރުން ދަރިންވަރުންނަށް ހަތަރު ފާހާނާއާއި އެކްސެސިބަލް ފާހާނާއެއްގެ އިތުރުން ތިން ސްޓޯރޫމްއަކާ ދެ ރޭމްޕްއެއް ހެދުމަށެވެ.

comment ކޮމެންޓް