ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް އަޅަނީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެވަނަ ވަގުތީ މިސްކިތެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް، ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައެވެ.

އެ ބީލަމުގައި ބައިވެރިވުމަށް އެދޭ ނަމަ މާދަމާ މެންދުރު 2:00ގެ ކުރިން އެ މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ވުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލު އަލީ މަޝާރު "ސަން" އަށް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން ދާތީ، ދާއިމީ މިސްކިތް އެޅުމުގެ ކުރިން އިތުރު ވަގުތީ މިސްކިތެއް އަޅަން ޖެހޭ ކަމަށެވެ.

"ހުޅުމާލެ ފޭސް ދޭއް، ހިޔާ ސަރަހައްދުގައި އަޅާނެ ވަރަށް ބޮޑު ދާއިމީ މިސްކިތެއް. އެކަމަކު އޭގެ ކުރިން، އެ ސަރަހައްދަކީ ވަރަށް ގިނަ މީހުން އުޅޭނެ ސަރަހައްދެއްވީމަ އެއަށް އެކޮމޮޑޭޓް ކުރަން އިތުރު ވަގުތީ މިސްކިތްތަކެއް އަޅަން ނިންމާފަ ވަނީ،" މަޝާރު ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަަވަހީގައި ފުރަތަމަ ވަގުތީ މިސްކިތް އެޅުމަށް ޓަަކައި ބަޔަކާ ހަވާލު ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

އެ މިސްކިތް އެޅުމަށް އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އަށްޑިހަ ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި، 450 މީހުންގެ ޖާގައިގެ އެ މިސްކިތަށް 4.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް