ކޮވިޑްގައި އިތުރު މަރެއް، ޖުމްލަ އަދަދު 241 އަށް

ޖޫން 7، 2021: ރާއްޖެއިން ކޮވިޑް19ގައި ނިޔާވި މީހެއްގެ ޖަނާޒާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ކޮވިޑް ފެސިލިޓީން ކޮވިޑަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ރޭ ދަންވަރު 12:10ގައި އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ.

މަރުވެފައި ވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މިހާތަނަށް މަރުވި 241 ވަނަ މީހާއެވެ.

ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މިދިޔަ ބުރާސްފަތު ދުވަހުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19އަށް ފަރުވާ ދެމުންދިޔަ މީހެކެވެ.

އޭގެ އިތުރުން މި މަހުގެ 18 ވަނަ ދުވަހު އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެއް ވެސް ނިޔާވެފައި ވެއެވެ.

ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،550 އެވެ.

މި ބަލީގައި 22 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 87,071 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 85,268 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

comment ކޮމެންޓް