ޕީޕީއެމްއާއެކު މަސައްކަތް ކުރެވިދާނެ، ރައީސް ޔާމީނާ އެކު މަސައްކަތް ނުކުރާނަން: ނާޒިމް

އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ރިޓަޔާޑު މުހައްމަދު ނާޒިމް -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ޕީޕީއެމްގެ މެމްބަރުންނާއެކު މަސައްކަތް ކުރި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު އެމްއެންޕީއިން މަސައްކަތް ނުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކާނަލް ނާޒިމް މިރޭ "ސަން"އަށް ވިދާޅުވީ އެ ޕާޓީގެ އަސާސްތަކާއެކު ކޮންމެ ޕާޓީއަކާ ގުޅިގެންވެސް މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ. އެ ޕާޓީން މަސައްކަތް ނުކުރާނީ ހަމައެކަނި ރައީސް ޔާމީނާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އިތުރަށް މިގައުމުގަ ރައީސްކަން ކުރައްވަން ރައީސް ޔާމިނަށް ފުރުސަތު ދޭކަށް،" ރައީސް ޔަމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ މިހާރުގެ އަމާޒަކީ 2023ވަނަ އަހަރު ރިޔާސީ ކެންޑިޓޭޓެއް ނެރުން ކަމުގައި އެ ޕާޓީގެ ރައީސް ވިދާޅުވިއެވެ. އަދި ޕާޓީގެ ފިކުރާއި ސިޔާސަތުތައް ރައްޔިތުންނަށް ވިސްނައިދީގެން ރިޔާސީ އިންތިހާބަށް ދާން މަސައްކަތް ކުރާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީއަކީ ސަރުކާރާ އިދިކޮޅު ޕާޓީއެއް ނޫން ކަމަށެވެ. ހަމައެހެންމެ އެ ޕާޓީއަކީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ނޫން. ނަމަވެސް ރައްޔިތުންނަށް ލާބައާ މަންފާ ލިބޭ ކޮންމެ ކަމެއްގަ ސަރުކާރަށްވެސް ތާއިދު ކުރާނަން،" ކާނަލް ނާޒިމް އިތުރަށް ފާހަގަ ކުރެއްވިއެވެ.

އެމްއެންޕީއަކީ ގައުމީ ފިކުރުގައި ނުކުތް ޕާޓިއެއް ކަމުން އެގޮތުގައި ކުރިއަށް ދާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި މަޖިލީހުންވެސް ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކުރާ ކަންތައްތަކުގައި އެއްބާރުލުން ދޭނެ ކަމަށްވެސް އެމްއެންޕިގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ކާނަލް ނާޒިމަކީ މީގެކުރިން ރައީސް ޔާމީނަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. ރައީސް ޔާމީނާއި ނާޒިމް ހަތުރުންނަށްވީ އެމަނިކުފާނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ހޯދައި ޖަލަށްލުމުންނެވެ.

ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައަކީ އޭނާ ފްރޭމްކުރުމުގެ ގޮތުން އޭރުގެ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދަނިކޮށް އެ ފިސްތޯލައިން އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އެހެން ބުނުމަކީ ނާޒިމް ފްރޭމްކުރި ކަމަށް ބުނާ ބުނުމަށް ލިބޭ ވަރަށް ބޮޑު ހެއްކެއް ކަމަށް އޭނާގެ އާއިލާއިން ވެސް ވަނީ ބުނެފައެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާ ސާބިތުވެ 11 އަހަރަށް ނާޒިމް ޖަލަށްލާން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކުރިއެވެ. ނަމަވެސް މި ސަރުކާރު އައިފަހުން އަލުން އެ ހުކުން ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ.

comment ކޮމެންޓް