މަހުމޫދު މަރާލީ ސާލިމް އެކަނިކަން ގަބޫލުކުރަން ދަތި: އާއިލާ

އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު

އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރާއެކު އޭނާގެ އާއިލާއަށް ލިބުނީ ފުން ހިތާމައެކެވެ. ގާތިލުންނާމެދު ހިތުގައި އުފެދުނީ އަލިފާންފަދަ ރުޅިވެރިކަމެކެވެ. ބޭނުންވީ ވީހާ ވެސް އަވަހަކަށް އެ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) ހައްޔަރު ކޮށްފައެވެ. އިއްޔެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސާލިމާއެކު އިތުރު ބަޔަކު އެކަމުގައި ބައިވެރިވިކަން އަދި ފާހަގަކުރެވިފައި ނުވާކަމަށެވެ.

މަހުމޫދުގެ ދަނބިދަރިފުޅު އަހްމަދު އިމާދު މިއަދު "ސަން"އާ ވާހަކަ ދައްކަމުން ބުނީ މަހުމޫދު މަރާލީ ސާލިމް އެކަނިކަން ގަބޫލުކުރަން ދަތި ކަމަށެވެ.

"އަޅުގަނޑުމެން މި ބުނަނީ އެކަކު އެކަނި އެކަން ކުރެވިދާނެ ކަމާމެދު ޝައްކު އުފެދޭ ވާހަކަ.ސީދާ ވަކިކަމެެއް ގަބޫލު ނުކުރާކަށް ނޫން،" އިމާދު ބުންޏެވެ

އިމާދު އިތުރަށް ބުނީ، އެއީ އާދައިގެ ކަމެއް ނޫން ކަމަށާއި ދީފައި ހުރި އަނިޔާތަަކަކީ ވެސް އާދައިގެ އަނިޔާތަކެއް ނޫން ކަމަށެވެ. އެހެންކަމުން، ކަމުގެ ބޮޑުމިނަށް ބަލާއިރު ތަހުގީގު ކުރިއަށްދާ ހަލުވިމިނާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ކިތަންމެ ރަނގަޅުހެން ހީވާ މީހާ ވެސް ކޮށްފާނެ. އެކަން ދޯ މި އެނގުނީ. ބަރާބަރަށް ނަމާދުކޮށްގެން އޭނާގެ ވަޒީފާ ދެ އަހަރު ތިން އަހަރު އަދާކުރި މީހެއް،" އިމާދު ބުންޏެވެ.

ދަނގެތިން "ސަން"އާ ވާހަކަ ދެއްކި އިތުރު ދެ މީހަކު ވެސް ބުނީ އެކަން ކުރީ ސާލިމް އެކަނިކަން ގަބޫލުކުރަން ދަތި ކަމަށެވެ. އަދި އެހެން ބައެެއްގެ ބައިވެރިވުން އެކަމުގައި އޮންނާނެހެން ހީވާ ކަމުގައި އެ މީހުން ބުންޏެވެ.

މަހުމޫދުގެ ހަށިގަނޑު އެއްލައިލައިފައި އޮއްވާ ފެނުނު ވަޅު ހުންނަ ގެއަކީ ސާލިމް ދިރިއުޅުނު "ނެދުންގެ"އާ 100 ވަރަކަށް ފޫޓު ދުރުގައި ހުންނަ ގެއެކެވެ.

ދަނގެތީގެ މަރާލި މީހާ އޮތް ވަޅު -- ސަން ފޮޓޯ/ ކިޔުންތެރިއެއް

މަހުމޫދު ގެއްލުނު ރޭ ނެދުންގޭ ތެރެއިން ބާރު އަޑުފައްގަނޑެއް އެ ރަށުގެ ބައެއް މީހުންނަށް އިވިފައިވެއެވެ. އަދި އެ މަގުން ހިނގައިފައި ދިޔަ އަންހެނަކަށް އެ އަޑު އިވިގެން ބެލި އިރު އެއްޗެއް ދަމައިފައި ގެންދާ ފަދަ މަންޒަރެއް ސިފަކުރެވުމުން އޭނާ ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

އެ އަޑު އިވުނު ބައެއް މީހުން ސާލިމަށް ފޯނުން ގުޅައި އެ ވާހަކަ އެހި ކަމަށް ވެއެވެ. އޭނާގެ ޖަވާބަކަށް ވީ "ބުޅަލެއް މަރާލީ" ކަމަށެވެ.

ކޯޓު އަމުރެެއްގެ ދަށުން ފުލުހުން ސާލިމް ހައްޔަރު ކުރީ މަހުމޫދު މަރައިލައިފައި އޮއްވާ ފެނުނުތާ ދެ ދުވަސް ފަހުންނެވެ. އަދި ފުލުހުން ވަނީ ނެދުންގެ ބަލާ ފާސްްކޮށްފައެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ނެދުންގޭ ތެރޭގައި ވަޅުލައިފައިވާ މަހުމޫދުގެ އައިޑީކާޑާއި ފޯނާއި ތަހުގީގަށް ބޭނުންވާ އިތުރު ހެކިތައް ވެސް ހޯދިފައިވާ ކަމަށެވެ. އަދި އެކަމުގައި ސާލިމްގެ އިތުރުން އެހެން މީހަކު ބައިވެރިވެފައިވާކަން ފާހަގަ ކުރެވިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ސާލިމް ހައްޔަރު ކުރުމުން ދަނގެތީ ރައްޔިތުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ސަބަބަކީ ސާލިމަކީ މަޑުން ހުންނަ މީހަކަށްވެފައި އަބަދުވެސް މިސްކިތުން ވެސް ފެންނަ މީހަކަށް ވުމެވެ. އަދި މަހުމޫދުގެ ކަށު ނަމާދަށް ވެސް ސާލިމް ވަނީ ގޮސްފައެވެ.

މަހުމޫދުގެ ކަށު ނަމާދަށް މީހުން މިސްކިތުގައި ތިބިއިރު އެ މީހުންގެ ތެރޭގައި ސާލިމް --- ފޮޓޯ: ކިޔުންތެރިއެއް

މަހުމޫދުގެ މަރުގެ މައްސަލައިގައި ކަންކަން ވަމުންދާ ގޮތުން އެ ރަށު ރައްޔިތުން ތިބީ ހައިރާން ވެފައެވެ. އެންމެ ފުރަތަމަ ރައްޔިތުން ތުހުމަތުކުރި ދެ މީހުން މިހާރު ފުލުހުން ދޫކޮށްލައިފައިވާއިރު، ރައްޔިތުން ތިބީ ދެން ވާނީ ކިހިނެއްކަން އަންދާޒާ ކޮށްލަން ވެސް ނޭނގިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު