އެމްއެންޕީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފި

އޮކްޓޯބަރު 25، 2021: އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުގައި -- ފޮޓޯ/ އެމްއެންޕީ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަނުގައެވެ.

އެމްއެންޕީގެ މެދު ރީޖަންގެ ނައިބު ރައީސަކަށް ހުންނަވާ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް "ސަން"އަށް ވިދާޅުވީ އެ ޕާޓީ ރަޖިސްޓްރީކުރުމާއެކު ޕާޓީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާކަމަަށެވެ.

"އަޅުގަނޑުމެންގެ ދެ ޓާގެޓެއް އެބަ އޮތް. އެއީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭ 10،000 މެމްބަރުން ޕާޓީއަށް ހަމަކުރުން. ދެން ޕާޓީގެ އެެތެރޭގެ ގޮފިތައް އެކުލަވައިލާ އެ މަގާމުތަކަށް މީހުން އިންތިހާބުކޮށް އައްޔަންކުރުން،" އުޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުންމީދަކީ ވީހާ ވެސް ގިނަ ރައްޔިތުން އެ ޕާޓީއާ ގުޅުންކަމަށެވެ. އަދި ސިޔާސީ ދާއިރާގައި ވަކި ކޮޅަކަށް ބުރަނުވެ މަސައްކަތްކުރާނެ ޕާޓީއެއްގެ ގޮތުގައި އެމްއެންޕީ އޮންނާނެކަމަށް އުޝާމް ވިދާޅުވިއެވެ.

އެމްއެންޕީ އުފެއްދުމަށް ޓަކައި ޖަލްސާއެއް ބާއްވާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހެވެ. އެމްއެންޕީ އުފެއްދުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ކައުންސިލާއި އެހެނިހެން އިސް މަގާމުތަކަށް މެމްބަރުން ވަނީ އިންތިހާބުކޮށްފައެވެ. އަދި އެ ޕާޓީގެ ލޯގޯއާއި ދިދަ ވެސް ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް