އިޓަލީގެ ނިއޯސް އެއާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި

މެދުކެނޑުމަކަށް ފަހު އިޓަލީގެ ނިއޯސް އެއާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފިއެވެ.

އަލުން ފެށި އެ ދަތުރުތަކުގައި ނިއޯސް އެއާއިން ރާއްޖެއާއި އިޓަލީގެ ދެ މަންޒިލަކާ ދެމެދު ދަތުރު ކުރާނެއެވެ. އެއީ ރޯމްއާއި މިލާންއެވެ.

ނިއޯސް އެއާއަކީ މީގެ ކުރިން ވެސް ރާއްޖެއާއި އިޓަލީއާ ދެމެދު ދަތުރު ކުރި އެއާލައިނެކެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އަމިއްލަ ގައުމަށް ނުދެވި، ރާއްޖޭގައި ތާށިވެފައި ތިބި އިޓަލީ ރައްޔިތުންނަށް ރިޕެޓްރިއޭޝަން ފްލައިޓް ވެސް ނިއޯސް އެއާއިން ބޭއްވިއެވެ.

ނިއޯސް އެއާއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށީ އިޓަލީގެ ރެޑް ލިސްޓުން ރާއްޖެ އުނި ކުރިތާ މަހެއްހާ ދުވަސް ފަހުންނެވެ.

އިޓަލީގެ ރެޑް ލިސްޓުން ރާއްޖޭގެ ނަން އުނިކޮށް، ރާއްޖެ އައުމަށްފަހު އަނބުރާ އެ ގައުމަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ނިންމީ މިދިޔަ މަހު 22 ގައެވެ.

އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެކެވެ. ކޮވިޑް-19 ބަލިމަޑުކަމާ އެކު ވެސް މިދިޔަ އަހަރު އެ ގައުމުން 45،169 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އަދި މިއަހަރުގެ އޮގަސްޓް މަހާ ހަމައަށް އެގައުމުގެ 7،205 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

comment ކޮމެންޓް