ދާ އަޅައިގެން މިޔަރު ހިފި މައްސަލައިގައި ޖަވާބުދާރީވުން ފަސްކޮށްފި

ހއ. ބާރަށުގައި ދާ އަޅައިގެން މިޔަރު އަދި މަޑި ހިފުން ---

ހއ. ބާރަށުގައި ދާ އަޅައިގެން މިޔަރު ހިފި ކަމަށް ބުނާ މައްސަލައިގައި އެކަން ކުރި ކަމަށް ތުހުމަތު ކުރާ މީހާގެ ޖަވާބުދާރީވުން ފަސްކޮށްފިއެވެ.

ފިޝަރީސް މިނިސްޓްރީގެ މެރިން އަދި އެގްރިކަލްޗާގެ ކޮމްޕްލެއިންސް އޮފިސަރު ހުސެއިން ޒަމީލް "ސަން"އަށް ވިދާޅުވީ އެ މައްސަލައިގައި ޖަވާބުދާރީވުން ފަސްކުރީ ތުހުމަތު ކުރެވޭ މީހާގެ އާއިލާއިން އެކަމަށް އެދުމުން ކަމަށެވެ.

ބާރަށު ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާ އެކު ވީޑީއޯ ކޮންފަރެންސްގެ ޒަރިއްޔާއިން އެ މައްސަލައިގެ އަޑުއެހުން ބާއްވަން ހަމަޖައްސާފައި އޮތީ މިއަދު ހެނދުނު 9:00ގައެވެ.

ޒަމީލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާނީ ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު ކަމަށެވެ.

"ޖަވާބު ދާރީވާން ފުރުސަތު ދީފަ އެކްޝަންއެއް ނަގާނީ،" ޒަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ބާނާފައި ވަނީ ހަމައެކަނި މިޔަރު ނޫން ކަމަށާއި ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ މަޑި ވެސް ބާނާފައިވާ ކަމަށް ޒަމީލް ވިދާޅުވިއެވެ.

"މިޔަރެކޭ އެއްގޮތަށް މަޑިއަކީވެސް ހިމާޔަތްކޮށްފައިވާ އެއްޗެއް،" ޒަމީލް ވިދާޅުވިއެވެ.

އެ މައްސަލަ ސޯޝަލް މީޑިއާގައި އާންމުކުރި މީހަކު ބުނެފައިވަނީ ބާރަށުގައި މިކަން ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ.

މަސްވެރިކަމުގެ ގަވާއިދުގެ ދަށުން އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ދާ އަޅައިގެން، މިޔަރު ހިމެނޭ ގޮތަށް ނުވަ ބާވަތެއް ހިފުން މަނާކުރީ މިދިޔަ އަހަރުގައެވެ.

comment ކޮމެންޓް