"ހިރޮއިން" ގެ ވާހަކަ ލިޔެފައި ވަނީ މަނީޝާގެ ހަޔާތުގެ މައްޗަށް: ރިޕޯޓް

ހިންދީ ފިލްމް "ހިރޮއިން" އަކީ ބޮލީވުޑްގެ މަޝްހޫރު ތަރި މަނީޝާ ކޮއިރާލާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ކުޅޭ ފިލްމެއް ކަމަށް ބޮލީ ވުޑް ރިޕޯޓްތައް ބުނެފި އެވެ.

ކަރީނާ ކަފޫރު ލީޑްރޯލް ކުޅޭ މިފިލްމްގައި ދައްކުވައިދޭނީ ކުރިން މަޝްހޫރު ފިލްމީ ތަރިއެއްގެ ފިލްމީ ހަޔާތް ފެށިގެން އައިސް، އާއިލާގެ ތެރޭގައި ޖެހޭ މައްސަލަތަކެއްގެ ތެރޭގައި އޭނާގެ ކެރިއާ ބަރުބާދުވެގެންދާ ގޮތެވެ.

ނަވާރަސަތޭކަ ނުވަދިހަ އެއް ވަނަ އަހަރު ނުކުތް ހިންދީ ފިލްމް "ސައުދާގަރު" އިން ބޮލީވުޑަށް ތައާރަފްވެގެން ދިޔަ މަނީޝާއަކީ ނޭޕާލް އަދި އިންޑިޔާގެ ނިސްބަތްވާ ތަރިއެކެވެ.

ބޮލީވުޑްގައި މަނީޝާއަށް ލިބުނު ކާމިޔާބީތަކުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އޭނާއަށް ފިލމް ފެއާ ކްރިޓިކްސް އެވޯޑް ލިބިފައިވާއިރު ހަތަރު ފަހަރެއްގެ މަތިން އޭނާއަށް ވަނީ އެންމެ މޮޅު ބަތަލާ ކަމުގެ އެވޯޑްވެސް ހޯދާފަ އެވެ.

މަނީޝާގެ މަޝްހޫރު ފިލްތަކުގެ ތެރޭގައި ބޮމްބޭ، އަކޭލޭ ހަމަ އަކޭލޭ ތުމް، ހާމޯޝީ، ދިލްސޭ، ފާހަގަކޮށްލެވޭއިރު ސައުދާގަރު، 1942 އަ ލަވް ސްޓޯރީ، ފަދަ ފިލްމްތައް ހިމެނެ އެވެ. ބޮލީވުޑްގެ ފިލްމީ ދާއިރާގެ އިތުރުން އާއިލީ ދިރިއުޅުމުގައި ވެސް އޭނާއަށް ވަނީ ފަހުން ބޮޑެތި ނާކާމިޔާބީއާ ދިމާވެފަ އެވެ.

އާއިލީ ދިރިއުޅުމުގައި ދިމާވަމުންދިޔަ މައްސަލަތަކާ ގުޅިގެން އޭނާ ރާބޯން ފެށުމުން ބޮލީވުޑްގައި އޭނާއަށް ލިބެމުން ދިޔަ މަގުބޫލްކަން ވެއްޓިގެން ދިޔަ އެވެ.

ހިރޮއިންއަކީ މަޝްހޫރު ފިލްމީ ތަރިއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށްވާއިރު ކުރިން އެ ފިލްމަކީ ހޮލީވުޑްގެ ތަރި މެރެލީން މޮންރޯއީ ނުވަތަ ބޮލީވުޑްގެ މަދޫބާލާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެއް ކަމަށްވެސް އަޑުތައް ވަނީ އަރާފަ އެވެ. ހިރޮއިން އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެންބަރުގަ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު