ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ސްކޫލެއް އަޅަނީ

ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން މިހާރު ވެސް ދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސްކޫލެއް އެޅުމުގެ މަސައްކަތްކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު މުހައްމަދު ގާސިމް ޕްރީސްކޫލް ހުޅުވުމަށް އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ހާއްސަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، މީހުން އާބާދުވާ މިންވަރާ އަޅާބަލާއިރު، އެކަށީގެންވާ ވަރަށް ސްކޫލްތައް ބިނާކޮށްފައި ނެތުމުން އެތަކެއް ދަތިތަކާ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާކަމަށެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ހުޅުމާލޭ ރައްޔިތުންނަށް މުހައްމަދު ގާސިމް ޕްރީސްކޫލު ލިބުނީ އެކަށޭނަ ވަގުތެއްގައި ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ތަނަވަސްކަމުގެ އަހުލުވެރިންނަށް މުޖުތަމައަށް ފައިދާހުރި ހެޔޮ ކަމެއްކޮށްދެވެން ފުރުސަތު އޮތް ކޮންމެ ހާލަތެއްގައި އެކަމެއް އެންމެ އެކަށޭނަގޮތަކަށް ކޮއްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ މިއީ ދުނިޔެއާއި އާހިރަތުގައި ވެސް އޭގެ ސަވާބާއި ދަރުމަ އެމީހަކަށް ލިބޭނެކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަލީ ފިރާގް އޭނާގެ ބައްޕަ އަލްމަރްހޫމް މުހައްމަދު ގާސިމުގެ ހަނދާނުގައި އިމާރާތްކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ 10 ކްލާސްރޫމާއި، ހޯލު އަދި އިދާރީ ހިންގުމަށް ބޭނުންވާ ކޮޓަރިތައް ހިމަނައިގެން ބިނާކޮށްފައިވާ ސްކޫލަށް ޓަކައި އެ އާއިލާއަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ތައުލީމުގެ ގާނޫނު މިދިޔަ އޮގަސްޓު މަހުގެ 10ގައި ތަންފީޒުކުރުމާއެކު ޕްރީސްކޫލް ތައުލީމަކީ ސަރުކާރުން ހިލޭ ފޯރުކޮށްދޭން ޖެހޭ ތައުލީމީ މަރުހަލާއެއްގެގޮތުގައި ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު ޕްރީ ސްކޫލް ތައުލީމަކީ މަޖުބޫރު ތައުލީމެއްގެ ގޮތުގައި ކަނަޑައެޅިފައިވާއިރު އެ ގާނޫނުގެ ދަށުން ޕްރީ ސްކޫލް ތައުލީމު ރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ހިލޭ ފޯރުކޮށްދޭންޖެހެއެވެ.

comment ކޮމެންޓް