ދަރުބާރުގެ މަރާމާތުކުރުމުގެ ވިސްނުމެއް ނެތް، އަޅާނީ އާ އިމާރާތެއް: އަކްރަމް

ދަރުބާރުގެ ---

ދަރުބާރުގޭގައި އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ އެއްވެސް ވިސްނުމެއް ޕްލޭނިނި މިނިސްޓްރީން ނުގެންގުޅޭ ކަމަށާއި ދެން އެ ތަނުގައި އަޅާނީ ޒަމާނީ ފެންވަރުގެ އާ އިމާރާތެއްްކަމަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން"އަށް ވިދާޅުވީ ދަރުބާރުގެ މަރާމާތުކުރުމަށް ހަރަދުކުރުމަށް މަސައްކަތްކުރުމަކީ މިވަގުތު ތަނުގެ ހާލަތު އޮތް ގޮތުން ކުރުން އެންމެ ރަނގަޅު ކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އެ ތަން ތަޅާލައި އާ އިމާރާތެއް އެ ތަނުގައި އެޅުން މާ ބުއްދިވެރިކަމަށް އަކްރަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނޫޅެން ދެން އެ ތަން އަލުން މަރާމާތުކުރާކަށް. މިހާރު އެތަން ހުސްވިހާ އަވަހަކަށް އެ ތަން ތަޅާލާނީ ދެން އަޅުގަނޑުމެން. އެ ތަނުގައި އާ އިމާރާތެއް އަޅާނީ،" އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރުބާރުގޭގައި ހިންގާ ކޮވިޑް އެޗްއީއޯސީގެ މަސައްކަތްތައް އެހެން ތަނަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އުންމީދަކީ ވީހާ ވެސް އަވަހަކަށް ތަން ހުސްކުރެވި މަސައްކަތް ފެށުންކަމަށް އަކްރަމް ވިދާޅުވިއެވެ.

ދަރުބާރުގޭގެ މިހާރު ހުރި އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ނިންމާފައިވާކަމަށް ހައުސިން މިނިސްްޓްރީން ބުނެފައިވާއިިރު މޭޔަރު މުއިއްޒު ވަނީ ތަނުގެ ހާލަތު އޮތް ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ކުރީ ސަރުކާރުގައި ވެސް ދަރުބާރުގެ ވަނީ ގިނަ ފަހަރުތަކެއްގެ މަތިން މަރާމާތުކޮށްފައެވެ.

ނަމަވެސް އަކްރަމް ވިދާޅުވީ އެގޮތަށް އެ ސަރުކާރުގައި ކަންކުރި ނަމަވެސް އެއީ ކުރި ބޭކާރު ހަރަދެއްކަމަށެވެ. އަދި އެފަދަ ވިސްނުމެއް އެ މިނިސްޓްރީން ނުގެންގުޅޭނެކަަމަށެވެ.

ދަރުބާރުގެއަކީ 1990 ވަނަ އަހަރު ރާއްޖޭގައި އޮތް ސާކް ސަމިޓް ބޭއްވުމަށް ޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެޅި ތަނެކެވެ.

އެ ތަނަކީ މުހިންމު ގިނަ ހަފްލާތައް ބާއްވަން ބޭނުންކުރާ ތަނެކެވެ. އެކި ފަހަރު މަތިން ތަނުގެ އާބާތުރަ ފިލުވައި މަރާމާތުކުރަމުން ވެސް ގެންދެއެވެ.

comment ކޮމެންޓް