ހިޔާ ފްލެޓުގެ އޮޑިޓު ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް: މުއިއްޒު

އޮގަސްޓް 30، 2021: މާލޭ ސިޓީ މޭޔަރު މާލޭ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ސަން އަށް ދިން ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ހިޔާ ފްލެޓު މަޝްރޫއުގެ އޮޑިޓަަށް ފަހު ނެރުނު ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުރީ ސަރުކާރުން ހިޔާގެ އަގު ކަނޑައެޅުމުގައި މި މަޝްރޫއު ހިންގަން ނެގި ލޯނުތަކާއި ރީފައިނޭންސިންއަށް ނެގި ލޯނުތަކަށް ދައްކާ އިންޓްރެސްޓް އަދި ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިއާޔަތް ކޮށްފައި ނުވެއެވެ.

ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓެއްގެ ކުލީގެ ގޮތުގައި ހުށަހެޅީ މެއިންޓަނެންސް ހަރަދަށް ވާ 1000 ރުފިޔާ ހިމަނައިގެން، މަހަކު 6600 ރުފިޔާއެވެ.

ހަމައެހެންމެ ސިޓީ ކައުންސިލުން ހައުސިން ޔުނިޓަކަށް ނަގަން ހުށަހެޅި ހިސާބު ވެސް ނުބައި ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ކަމާ ގުޅިގެން މުއިއްޒު "ސަން"އަށް ވިދާޅުވީ އޮޑިޓާ ޖެނެރަލަކީ މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު ކަންކަން ބަލަން ޖެހޭ މިނިވަން މުވައްސަސާއެއް ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ އޮޑިޓާ ޖެނެރަލް ގާނޫނުގައި އޮންނަ ގޮތަށް މިނިވަން ތަނެއްގެ ގޮތުގައި އޮޑިޓް ކުރާނެ ކަމަށް. އެހެންނަމަވެސް މި ރިޕޯޓުން މި ފެނިގެންދަނީ އެ ގޮތަކަށް ނޫން. މި ނެރުނު ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ގޮތަށް މި ފެންނަނީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ބޭނުންކޮށްފައިވަނީ އެޗްޑީސީން ހިޔާ ފްލެޓާ ގުޅިގެން ހެދި ހިސާބުތައް ހުރި ގޮތަށް ކަމަށެވެ. އެގޮތުން އެ އަދަދުތައް ރީފްރޭސް ކުރުމަށް ފަހު "ކޮޕީ ޕޭސްޓު ކޮށްފައި" ހުރިކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ކަމަކީ އޮޑިޓާ ޖެނެރަލްގެ އެއްވެސް ނަޒާހަތްތެރިކަމެއް އަދި ޕްރޮފެޝަނަލިޒަމެއް ނެތް އަމަލެއްގެ ގޮތުގައި މުއިއްޒު ވަނީ ސިފަ ކުރައްވައިފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުން ރާވައިގެން މިފަދަ އަމަލުތައް ހިންގަމުން އަންނަނީ ކުރީ ސަރުކާރުން ކޮށްފައި އޮތީ ގޯސްކަމެއްގެ ގޮތުގައި ދައްކައި، ދޮގު ބަދުނާމް އެޅުވުމުގެ ގޮތުން ކަމަށެވެ.

"ހަގީގަތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ. ސަރުކާރަށް މި ކަމުގެ ރައްޔިތުންގެ ތާއީދު އެއްގޮތަކަށް ވެސް ނުލިބޭތީވެ، އެއް ކަމަކަށް ފަހު އަނެއް ކަމެއް ޓްރައި ކުރަމުން މި އަންނަނީ، ރައްޔިތުންގެ ސަޕޯޓު ލިބޭތޯ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވަނީ މި ސަރުކާރުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ދެވަނަ ފިޔަވަހި ހިއްކައި، ފްލެޓުތައް އަޅައި، މަގުތައް ހެދުމަށް ފަހު މި ސަރުކާރާ ހަވާލުކުރިތާ ތިން އަހަރު ވެގެން ދިޔައިރު ވެސް އިތުރު ތަރައްގީއެއް ނުފެންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެކަމަކު ތަނުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރޭ. ސުކޫލެއް ނާޅާ، މިސްކިތެއް ނާޅާ، ހޮސްޕިޓަލެއް ނާޅާ، އެއްވެސް ކަމެއް ނުކޮށް ތިން އަހަރު މި ވެގެން ދިޔައީ. އަދި ޓްރާންސްޕޯޓް މެކޭނިޒަމެއް ވެސް ނެތް،" މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު، ހިޔާ ފްލެޓުތައް ރައްޔިތުންނަށް ދޫކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމައިފައި އޮތް ގޮތަށް ނޫން ކަމަށް ހިޔާ ފްލެޓުތަކުގައި ދިރިއުޅެން ފަށާ ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް