ގުރައިދޫގެ ކޮވިޑް ހާލަތު ގޯސް، ރަށް ލޮކްޑައުން ކޮށްފި

ކ. ގުރައިދޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. ގުރައިދޫގެ ކޮވިޑް ހާލަތު ގޯސްވެ، މުޅި ރަށް ލޮކްޑައުން ކޮށްފިއެވެ.

އެ ރަށް ލޮކްޑައުން ކުރުމަށް ނިންމައިފައިވަނީ އެ ރަށުގެ ކޮވިޑް ޓާސްކް ފޯހުން ރޭ ބޭއްވި ބައްދަލުވުމަށް ފަހުގައެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު "ސަން"އަށް ވިދާޅުވީ ރާއްޖެގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން އަދި ގުރައިދޫގެ ހާލަތު މިހާ ގޯސްވެފައިނުވާ ކަމަށެވެ.

ކޮވިޑް ކޭސްތަކެއް ފެނި ހަތަރު ވަނަ ފަހަރަށް އެ ރަށް މޮނިޓަރިން އަށް ލައިފައިވާއިރު، ޔާމީން ވިދާޅުވީ މިވަގުތު ވެސް ރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި 108 މީހުން އެބަ ތިބި ކަމަށެވެ.

"15 މީހުން ފުރަތަމަ ޕޮޒިޓިވް ވީ. އެ މީހުންގެ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ނެގުނު ޖުމްލަ 324 ސާމްޕަލްގެ ތެރެއިން އަލަށް މި ޕޮޒިޓިވް ވީ 88 މީހުން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ ޕޮޒިޓިވް ވީ މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ދެރަވެގެން ކޮވިޑް ފެސިލިޓީއަށް ބަދަލުކުރެވުނު ކަމަށާއި އެހެންނަމަވެސް މިހާރު އެ މީހުންގެ ހާލަތު ސްޓޭބަލް ކަމަށެވެ.

ރަށް ލޮކްޑައުން އަކަށް ދިއުމާއެކު އެ ރަށުގައި ވަނީ ރޭގަނޑު 9:00 އަކުން ފެށިގެން ފަތިހު 4:00 އަކަށް ކާފިއު ވެސް އިއުލާނުކޮށްފައެވެ. މީގެ އިތުރުން ވެސް ރެސްޓޯރެންޓުތަކާއި ފިހާރަތައް ބަންދުކޮށް، ދެމުން ގެންދާނީ ހަމައެކަނި ޑެލިވެރީގެ ހިދުމަތް ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ ކާފިއު ވަގުތުގައި އާންމުން ބޭރަށް ނުކުންނަ މިންވަރު ބަލައި، ކާފިއު ވަގުތު އިތުރުކުރުމަށް މަޝްވަރާ ކުރާނެ ކަމަށެވެ.

"އެކަމަކު އިރާދަކުރެއްވީތީ އަޅުގަނޑުމެން މީގެ ކުރިން ދެ ފަހަރަކު ވެސް ފިޔަވަޅުތައް އަޅައިފިން، ހަމަ ރައްޔިތުން ވަރަށް އެއްބާރުލުން އަޅުގަނޑުމެންނަށް ދެއްވި. އެހެންވީމަ މި ފަހަރު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަގީން ރައްޔިތުންގެ އެއްބާރުލުން ލިބޭނެ،" ޔާމީން ވިދާޅުވިއެވެ.

ރަށަށް ކޮވިޑް ފެތުރެން ފެށި ގޮތް މިހާތަނަށް އެނގިފައިނުވާ ކަން ފާހަގަކުރައްވަމުން ޔާމީން އިތުރަށް ވިދާޅުވީ އެންމެ ފުރަތަމަ ރިޕޯޓު ކުރެވުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުން ޕޮޒިޓިވް ވި ތިން ކޭހެއް ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން އެ މަރުކަޒު ވެސް ވަނީ މީހުން ވަދެ، ނުނިކުމެވޭހެން ލޮކްޑައުން ކޮށްފައެވެ.

ގުރައިދޫގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ.

comment ކޮމެންޓް