ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ދެ ރައީސުން މަޝްވަރާކުރައްވައިފި

ރައީސް ސޯލިހާ ރައީސް ނަޝީދު ބައްދަލުކުރެއްވުން، ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައި-- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

އެގޮތުން ރާއްޖޭގެ އިގުތިސާދީ ދާއިރާގެ ކަންކަމާ ބެހެގޮތުންނާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ވެސް ރައީސް ސޯލިހާ މަޝްވަރާ ކުރައްވައިފައިވެއެވެ.

ރައީސް ނަޝީދު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތެއް ނިންމަވާނީ ރައީސް ސޯލިހާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

އެ ދުވަހުގެ ޕްރެސްގައި، ކުރިއަށް އޮތްތަނުގައި ވެސް ރައީސް ސޯލިހާ އެކު މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ގާތް ދެ އެކުވެރިންގެ ގޮތުގައި ފެނިފައިވާ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ހީނަރުވެފައިވާ ކަމަށް މީގެ ކުރިން ރައީސް ނަޝީދު އިއުލާނު ކުރެއްވިއެވެ. އެގޮތުން ސިޔާސީ ބައެއް ކަންކަމުގައި ދެ ބޭފުޅުންގެ ހިޔާލުތަފާތުވުން ބޮޑުވެ، އެކުގައި ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ރައީސް ނަޝީދަށް އަމާޒުކޮށް މިއަހަރުގެ މެއި ހަޔެއްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން، އެނބުރި ގައުމަށް ވަޑައިގަތުމަށް ފަހު ނަޝީދު ގެންދަވަނީ ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

comment ކޮމެންޓް