އައްޑޫ ސިޓީ ހިތަދޫ އާއި މަރަދޫ ގުޅާލާ ބްރިޖްގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫ ސިޓީގެ ހިތަދޫއާއި މަރަދޫ ގުޅާލާ ބްރިޖްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު "ސަން" އަށް ވިދާޅުވީ އެ ބްރިޖުގެ މަސައްކަތް މީގެ ދެދުވަސް ކުރިން ފަށާފައިވާ ކަމަށެވެ.

"އަމަލީ މަސައްކަތް ފެށިފަ ހުރީ. އޭގެ ތެރެއިން ފުރަތަމަ ޓެކްނިކަލް މަސައްކަތްތަކެއް ކުރިއަށް ދާނީ،" ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން، ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ ޑީޓުއާ ލިންކް ރޯޑެއް ހެދުމުގެ މަޝްރޫގައި ސޮއި ކުރީ މި އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. އެ ބުރިޖުގައި ހަތަރު ލޭން ހެދުމަށް ވަނީ ނިންމާފައެވެ.

އެއީ އައްޑޫގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމަށާއި މަގުހެދުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

އެ މަޝްރޫއު، 1.1 ބިލިއަން ރުފިޔާގެ އަގަކަށް، އެފްކޮންސްއާ ހަވާލުކުރީ އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.

އެ މަޝްރޫއު ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެފްކޮންސް އަކީ މާލެ, ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތާވެސް ހަވާލުވެފައިވާ ކުންފުންޏެވެ. އެގޮތުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް އަޅާ އެ 6.7 ކިލޯމީޓަރުގެ ބްރިޖުގެ އަގަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އެވެ.

އެ މަޝްރޫއަށް ބޭނުންވާ މާލީ އެހީވެސް ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

comment ކޮމެންޓް