ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކޮވިޑް ފެތުރި، ލޮކްޑައުން އަކަށް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު--- ފޮޓޯ: ޕީއެސްއެމް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން އެ މަރުކަޒު ލޮކްޑައުން ކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ލޮކްޑައުން ކޮށްފައިވަނީ އިއްޔެ އިރު އޮއްސި ހަޔަކުން ފެށިގެންނެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ އެ މަރުކަޒުގެ މުވައްޒަފުންނާއި ބަލި މީހުންގެ ތެރެއިން ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެހެންކަމުން މަރުކަޒުގައި ތިބި ޕޮޒިޓިވް ވެފައިވާ މީހުންނާއި އަދި މަރުކަޒުގައި ތިބޭ އެހެން މީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، މަރުކަޒުގެ ސިއްހީ ހިދުމަތްތެރިންގެ ޓީމުން ގުރައިދޫ ސިއްހީ މަރުކަޒުގެ އިރުޝާދާއި ލަފާގެ މަތީން ފިޔަވަޅުތައް އަޅާ، އެޗްޕީއޭގެ ގަވާއިދާ އެއްގޮތް ވާގޮތުގެ މަތީން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ މިވަގުތު މަރުކަޒުގައި ތިބި ހުރިހާ ބަލިމީހުންނާއި މުވައްޒަފުން ކޮވިޑަށް ޓެސްޓުކޮށްފައިވާ ކަމަށާއި އެ އެންމެންގެ ސިއްހީ ހާލަތު ގަވައިދުން މޮނިޓާ ކުރަމުންދާ ކަމަށެވެ. އަދި އިތުރު ފަރުވާ ބޭނުންވާ މީހުންނަށް އެ ހިދުމަތް ވެސް ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

"ޕޮޒިޓިވް ވެފައިވާ ބަލިމީހުން ވަނީ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށް. އަދި އެ ނޫން ފަރާތްތައް ވަނީ މަރުކަޒުގައި އައިސޮލޭޓް ކުރެވިފަ،" މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން މަރުކަޒު ލޮކްޑައުން ކޮށްފައިވާ ދުވަސްވަރު މަރުކަޒަށް ކާބޯތަކެތީގެ ދަތިކަން ނުފޯރާނޭ ގޮތަށް އެތަނުގައި ކާބޯތަކެތި ރައްކާކޮށްފައި ވާނެ ކަމަށާއި މަރުކަޒުގެ މުވައްޒަފުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒުގެ ތެރޭގައި ތިބުމަށް ބޭނުންވާ ހުރިހާ އެއްޗެއް މިހާރު ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަމައެއާއެކު މިނިސްޓްރީން ވަނީ ރައްކާތެރިކަމަށް ބޭނުންވާނޭ ޕީޕީއީ ކިޓާއި އެނޫންވެސް ސާމާނު މަރުކަޒަށް ގެންގޮސް ނިމިފައިވާ ކަމަށާއި އިތުރަށް ބޭނުންވާ މެޑިކަލް ސަޕްލައިސް އާއި ކޮންޒިއުމަބަލްސް މިއަދު މަރުކަޒަށް ގެންދާނެކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް