ތުރުކީގެ ދާޚިލީ ކަންކަމާބެހޭތީ ހުޅަނގުގެ 10 ގައުމެއްގެ ސަފީރުން ތުުރުކީން ބޭރުކޮށްލަނީ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން

އަންކަރާ (24 އޮކްޓޯބަރު) : އެމެރިކާއާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނު ހިމެނޭގޮތަށް ހުޅަނގުގެ ދިހަ ގައުމެއްގެ ސަފީރުން ތުރުކީގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާތީ އެ ގައުމުތަކުގެ ސަފީރުން ތުރުކީން ބޭރުކޮށްލާނެކަމަށް ރައީސް ރަޖަބް ތައްޔިބު އެރުދުޣާން ވިދާޅުވެއްޖެއެވެ.

އަންކަރާގައި ދެއްވި ބަޔާނެއްގައި އެރުދުޣާން ވިދާޅުވީ ހުޅަނގުގެ ދިހަ ގައުމެއްގެ ސަފީރުން ދާދިއަވަހަށް ތުރުކީން ބޭރުކޮށްލާނެކަމަށާ ތުރުކީގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ބޭފުޅަކަށް ތުރުކީއަށް ކަނޑައަޅާފައިވާ ސަފީރެއްގެ ގޮތުގައި އެގައުމުގައި ނުހުރެވޭނެ ކަމުގައެވެ.

މިގޮތުން އެމެރިކާ، ފަރަންސޭސިވިލާތް, ޖަރުމަނު، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ނެދަލޭންޑްސް، ނޯވޭ، ނިއުޒީލޭންޑް އަދި ސްވިޑްގެ ސަފީރުން ތުރުކީން ބޭރުކޮށްލުމަށްޓަކައި އެއީ "ޕާސޮނާ ނޮން ގްރާޓާ" ބޭފުޅުންގެ ގޮތުގައި ކަނޑައެޅުމަށް ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވްސް އޮގްލޯ އަށް އަންގަވާފައިވާނެކަމަށް އެރުދުޣާން ވިދާޅުވިއެވެ.

މިއެންގުމާއެކު އެބޭފުޅުންނަކީ ތުރުކީގައި ބައިތިއްބަން ބޭނުންނުވާ "ޕާސޮނާ ނޮން ގްރާޓާ" ބޭފުޅުންކަން ޑިޕްލޮމެޓިކް ޗެނެލްތައް ބޭނުންކޮށްގެން ތުރުކީގެ ޚާރިޖީ ވުޒާރާއިން އެބޭފުޅުންނަށް ރަސްމީ ސިފައެއްގައި ދާދިއަވަށް އެކަން އަންގާނެކަމަށް އެރުދުޣާން ވިދާޅުވިއެވެ.

އެރުދުޣާން ކުރިންވެސްވަނީ އެއްވެސް ސިފައެއްގައި ތުރުކީގެ ދާޚިލީ ކަންކަމަށް ފާޑުކިޔައި ތުރުކީގެ އަމިއްލަ ކަންކަމުގެ ތެރެއަށް ވަންނަ ބޭރުގެ ޑިޕްލޮމެޓުންނަށް ސަފީރުންގެ ގޮތުގައިވެސް އަދި އާދައިގެ ޑިޕްލޮމެޓުންގެ ގޮތުގައވެސް ނުތިއްބެވޭނެކަމާއި އެފަދަ ބޭފުޅުންނަށް ދީފައިވާ ޑިޕްލޮމެޓިކް ހައިސިއްޔަތު އުވާލައި އެއީ "ޕާސޮނާ ނޮން ގްރާޓާ" ބޭފުޅުން ނުވަތަ އެއީ ޑިޕްލޮމެޓުންގެ ގޮތުގައި ބައިތިއްބަން ބޭނުންނުވާ ބޭފުޅުންގެ ގޮތުގައި ހަދާނެކަމުގެ އިންޒާރު ދެއްވާފައެވެ.

އެމެރިކާއާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނު ހިމެނޭގޮތަށް ހުޅަނގުގެ ދިހަ ގައުމެއްގެ ސަފީރުން ތުރުކީގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެފައިވަނީ 2015 ވަނަ އަހަރު ތުރުކީގެ ސިފައިންގެ ބަޔަކު އިސްކޮށް ތިބެގެން އަސްކަރީ އިންގިލާބަކުން އެރުދުޣާން ސަރުކާރު ވައްޓާލުމަށް ހިންގި ބަޣާވާތުގެ ވަރުގަދަ ހަރަކާތަށް ފައިސާ ޚަރަދުކުރި ތުރުކީގެ ވިޔަފާރި ވެރިއެއްކަމަށްވާ އުސްމާން ކަވާލާ މިނިވަންކުރުމަށް ފާޅުގައި ގޮވާލައިގެންނެވެ.

ބަޣާވާތް ކޮށްގެން ތުރުކީގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމާއި އެކަމަށް ޚަރަދު ކުރިކަމުގެ ކުށް ޝަރީއަތަށް ސާބިބުވެގެން އުސްމާން ކަވާލާ ދިގުމުއްދަތަކަށް ޖަލަށް ލުމަށް ތުރުކީގެ ކޯޓަކުން ހުކުމް ކުރުމުން އޭނާ ޖަލަށް ލާފައިވަނީ 2017 ވަނައަހަރު އެވެ.

އެރުދުޣާން ވިދާޅުވިގޮތުގައި އުސްމާން ކަވާލާ ޖަލަށް ލާފައިވަނީ އޭނާގެ ކުށް ސާބިތުވެގެން ތުރުކީގެ ޝަރުޢީ ކޯޓަކުން ކަމަށްވާއިރު އެކަމަށް ރިއާޔަތް ނުކޮށް އޭނާ ވަގުތުން މިނިވަންކުރުމަށް މި ދިހަ ގައުމުގެ ސަފީރުން ނެރުނު ގުޅިފައިވާ ބަޔާނަކީ ތުރުކީގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމެވެ. އަދި އެއީ ތުރުކީގެ ޖުޑިޝަރީ ގެ މިނިވަންކަމަށްވެސް އަރައިގަތުމެވެ. ތުރުކީއާމެދު އެހާ އިހާނާތްތެރި ގޮތަކަށް އެގޮތަށް އަމަލުކުރި ބަޔަކަށް ޑިޕްލޮމޭޓުންގެ ގޮތުގައި ތުރުކީގައި ނުތިބެވޭނެ ކަމަށް އެރުދުޣާން ވިދާޅުވިއެވެ.

އުސްމާން ކަވާލާ އަކީ 2013 ވަނައަހަރު ތުރުކީގެ ޣާޒީ ޕާކުގައި އެރުދުޣާން ގެ ސަރުކާރާ ދެކޮޅަށް ބަޔަކު ހިންގި ހަމަނުޖެހުންތަކަށް ފައިސާ ޚަރަދުކުރިކަންވެސް ޝަރީއަތަށް ސާބިތުވެފައިވާ ތުރުކީގެ ވިޔަފާރި ވެރިއެކެވެ. އުސްމާން ކަވާލާ ވަގުތުން މިނިވަންކުރުމަށް ތުރުކީގައި ތިއްބަވާ ހުޅަނގުގެ މި ދިހަ ގައުމުގެ ސަފީރުން ނެރުނު ބަޔާނާ ގުޅިގެން ތުރުކީގެ ޚާރިޖީ ވުޒާރާއިން މިދިޔަ ހަފްތާގައިވަނީ އެވުޒާރާއަށް އެބޭފުޅުން ޙާޒިރުކޮށް އެބޭފުޅުން ތުރުކީގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ތުރުކީގެ ޝަރުއީ ނިޒާމުގެ އަގުވައްޓާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުކުރައްވާފައެވެ.

މިއާއެކު ތުރުކީގެ ޚާރިޖީ ވުޒާރާއިންވަނީ އެބޭފުޅުންނަށް ދެން ތުރުކީގައި ނުތިއްބެވޭނެކަމުގެ އިންޒާރުވެސް ވަނީ ނުސީދާ ގޮތެއްގައި ދީފައެވެ. ނަމަވެސް "ޕާސޮނާ ނޮން ގްރާޓާ" ބޭފުޅުންގެ ގޮތުގައި އެބޭފުޅުން ތުރުކީން ބޭރުކޮށްލުމަށް ފޮނުވާ ޑިޕްލޮމެޓިކް ލިޔުން އަދި ފޮނުވާފައެއް ނުވެއެވެ. މި ލިޔުން ވަރަށް އަވަހަށް އެބޭފުޅުންނަށް ފޮނުވާނެކަމަށް އެރުދުޣާންވަނީ ވިދާޅުވެފައެވެ.

"ޕާސޮނާ ނޮން ގްރާޓާ" ގެ ލިޔުން ފޮނުވުމާއެކު އެބޭފުޅުންނަށް ޖެހިވަޑައިގަންނަވާނީ ތުރުކީ ދޫކުރައްވައި އެގައުމުން ފުރައިވަޑައިގަންނަވާށެވެ. ދެން އެ ދިހަ ގައުމުން ތުރުކީއަށް ކަނޑައަޅަންޖެހޭނީ އައު ސަފީރުންނެވެ.

ޔޫރަޕްގެ އިއްތިޙާދުންވަނީ ތުރުކީގެ މިނިންމުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ސަފީރުން ބޭރުކޮށްލުމަކީ ތުރުކީ ސަރުކާރު ޚުދުމުޚްތާރުކަން ދޭހަވާ ކަމެއްކަމަށް ބުނެފައިވެއެވެ. އަދި އެރުދުޣާންގެ ޒަޢާމަތުގައި ތުރުކީ ދަނީ ޑިމޮކްރަސީއާ ދުރަށްކަމާއި ތުރުކީ ގެންދަނީ ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަށް ބިރު ދައްކަމުން ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ހަދައިގެން ގައުމުތަކަށް ބިރު ދެއްކުމާއި ފިއްތުންތައް ކުރިމަތިކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ހަރުކަށި ތާރީޚެއް އޮންނަ ގައުމުތަކެވެ. ނަމަވެސް އަމިއްލަ އެދުމާއި މަސްލަހަތު އޮންނަ ކަންކަމާއި އެފަދަ ހާލަތްތަކުގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް ލޯމަރާލައި އެކަން ނުފެންނަ ކަމަކަށް ހަދާކަމުގެ ތުހުމަތު ޔޫރަޕްގެ ގައުމުތަކާއި އެމެރިކާގެ މައްޗަށްވަނީ ކުރެވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް