އަމިއްލަ ރަށުގައި ހުރެގެން މަސްތުވާތަކެއްޗަށް ފަރުވާ ހޯދޭނެ ގޮތް ހަދަނީ

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން, އެ މީހަކު ތިބި ރަށަކުން އެކަމުން އަރައިގަތުމަށް ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން, ކުޅުދުއްފުށީ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމުގެ މައްސަލަ ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. އެކަމަށްޓަކައި މުޖުތަމައުގައި ތިބެގެން ފަރުވާ ހޯދޭނެ ވަށާޖެހޭ ޕްރޮގްރާމްތަކެއް ވަރަށް އަވަހަށް ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން," ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްވުމަށް ފުރިހަމަ ކުރަން ޖެހޭ ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރުމަށް މިހާރު ޖެހެނީ މާލެ ސަރަހައްދަށް އަންނާށެވެ. އެ ވަބާގައި ގިނަ ޒުވާނުންތަކެއް ޖެހިފައިވާއިރު ފަރުވާގެ ނިޒާމު އޮތީ ބޮއްސުންލާފައެވެ.

ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަކީ ވެސް ކުރަންޖެހޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ, ސަރުކާރުން މިހާރު ޑްރާފްޓްކޮށްފައިވާ "ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލު"ގެ އެންމެ މުހިންމު މަގްސަދަކީ، އިސްލާމް ދީނަށް ލޯބިކުރާ ދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާ، އަދި ދިވެހި ގައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިބިލްގެ އަނެއް އަމާޒަކީ ޒިންމާދާރު ހުނަރުވެރި ޒުވާން ރައްޔިތުންތަކެއް ބިނާކުރުން. ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަގު ދައްކައިދީ ކުރިމަގުގެ ފުރުޞަތުތަކަށް މަގުފަހުކޮށްދިނުމަކީ ވެސް މި ބިލްގެ ވަރަށް މުހިންމު މަގްސަދެއް. މިބިލްގެ ސަބަބުން ގައުމު ކުރިއަރުވައި ރާއްޖެއަށް ޝަރަފާއި ފަހުރު ހޯދައި ދިނުމުގައި މިހާރަށްވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެކަމަށް ގަބޫލުކުރެވޭ," ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް