ހިލޭ ޑިގްރީއަށް ކިޔެވުމަށް އެންމެބޮޑު ހޭދައެއް ކޮށްފައިވަނީ ޒުވާނުންނަށް: މަހްލޫފް

ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިލޭ ޑިގްރީއަށް ކިޔެވުމަށް ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ދިވެހި ޒުވާނުންނަށް ކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި މަހްލޫފް ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔެވުމަށް، މި ސަރުކާރުން 11،321 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު އޭގެ ތެރެއިން 90 ޕަސެންޓު ހޭދަ ކޮށްފައިވަނީ ދިވެހި ޒުވާނުންނަށް ކަމަށެވެ.

މީގެ އިތުރުން 556 ސްކޮލަޝިޕް ސަރުކާރުން އިއުލާންކޮށްފައިވާއިރު، އޭގެ ތެރެއިން 240 ސްކޮލަޝިޕް އެވޯޑް ކޮށްފައިވަނީ ވެސް ދިވެހި ޒުވާނުންނަށްކަން މަހްލޫފް ފާހަގަ ކުރެއްވިއެވެ.

މަހްލޫފް ވިދާޅުވީ މުއްސަނދި އާއިލާއެއްގެ ކުއްޖަކަށް އެކަމުގެ މުހިއްމުކަން އިހްސާސް ނުކުރެވުނަސް އެއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ އެތައް ރައްޔިތުންނަކަށް ލިބުނު ވަރަށް ފަހި ފުރުސަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އަންނަ ޖެނުއަރީ މަސް ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ މިނިމަމް ވޭޖުން ވެސް އެންމެބޮޑު ފައިދާއެއް ކުރާނެ އެއްބަޔަކީ ޒުވާނުން ކަމަށެވެ.

މަހްލޫފް ވިދާޅުވީ ޒުވާނުންގެ ދުވަސް ފާހަގަ ކުރާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެކިއެކި މަގާމުތަކުން ގިނަ އަދަދެއްގެ ޒުވާނުން ފެންނާތީ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ބަލައިލި ކަމުގައި ވިޔަސް ލޯކަލް ކައުންސިލްތަކަށް ބަލައިފި ކަމުގައިވިޔަސް ރައްޔިތުން އެ މަގާމްތަކަށް އިންތިހާބު ކޮށްފަ ތިބި ޒުވާނުން އިންތިހާއަށް ގިނަ. މިއީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް،" މަހްލޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވި އިގްތިސޯދީ ދަތިކަމުގެ ތެރޭގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނު އެއްބަޔަކީ ދިވެހި ޒުވާނުން ކަމަށެވެ. އެގޮތުން އެތައް ޒުވާނުންގެ ވަޒީފާ ގެއްލި، އަދި ކުރަމުން އައި ވިޔަފާރިތައް ވެސް ބަނގުރޫޓު ވެގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ޒުވާނުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން މަހްލޫފް ވިދާޅުވީ ދިރިއުޅުމުގެ މި އުނދަގޫ ދަތުރުގައި ކުރިމަތިވާ ކޮންމެ ހުރަހެއް ގިރާ ކުރުމަށްފަހު، ބާރަށް ކުރިއަށް ދިއުމުގެ ވިސްނުމާއި ގާބިލުކަން ދިވެހި ޒުވާނުންގެ ކިބައިގައި ހުންނާނެކަމާމެދަކު، އެއްވެސް ޝައްކެތް ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ ކުރިމަތީގަ އުނދަގޫ ތަކެއް، ދަތިތަކެއް ހުންނާނެ. އެއްބަޔަކު ދަތިއަޅުވާ ވައްޓާލަން އުޅޭނެ. އަނެއް ބަޔަކު ފައިގަ ހިފާ ދަމާނެ. މި ހުރިހާ އުނދަގުލަކާ ހުރަހެއް ގިރާ ކުރުމަށްފަހު ބާރަށް ކުރިއަށް ދާށޭ. އޭރުން ޒުވާނުންގެ އުއްމީދުތައް ހާސިލު ކުރެވޭނެ،" މަހްލޫފް ވިދާޅުވިއެވެ.

ކޮވިޑުގެ ހާލަތުގައި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކަށް ތައުރީފް ކުރައްވާ މަހްލޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް މިވީ ތިން އަހަރު ތެރެއިން ދެ އަހަރު ދިޔައީ ކޮވިޑުގެ ދަތިކަމުގެ ތެރޭގައި ކަމަށެވެ.

މަހްލޫފް ވިދާޅުވީ އެފަދަ ދަތި ހާލަތުގައި ވެސް އެހާ ފުރިހަމަ ގޮތެއްގައި ކޮވިޑުގެ ކަންކަން އިންތިޒާމް ކޮށްދެއްވި ކަމަށް ޓަކައި ރައީސް ސޯލިހަށް ހިތުގެ އިހްލާސްތެރި ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ނުވަދިހަ އިންސައްތަ މީހުންނަށް މިއަދު ވެކްސިން ޖަހައިދީ ދުނިޔޭގެ ލިސްޓުގެ އެންމެ ކުރިން ޖާގަ އެ ހޯއްދަވާދެއްވީ ރައީސް ސޯލިހް،" މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ޒުވާނުންގެ ދުވަހުގެ އެވޯޑް ދޭއިރު އެންމެ ފުރަތަމަ ޒުވާނުންގެ އެވޯޑް ހާސިލުކުރެއްވި ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމަށެވެ.

comment ކޮމެންޓް