ލޯންޗުން ކަނޑަށް ވެއްޓުނު ކުއްޖާ ހޯދުން މެދުކަނޑާލައިފި

ކަނޑަށް ވެއްޓުނު ކުއްޖާ ހޯދުމަށް އެމްއެންޑީއެފުން ބަލާފައިވާ ސަރަހައްދު ---

މިދިޔަ ހޮނިހިރު ދުވަހު މާލެ އިން ފުރައިގެން ވ. ފުލިދުއަށް ދަތުރުކުރި ލޯންޗުން ކަނޑަށް ވެއްޓި ގެއްލުނު ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ހޯދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ, އެ ކުއްޖާ ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި ނަމަވެސް ކުއްޖާގެ އެއްވެސް ހިލަމެއް ވެފައިނުވާ ކަމަށެވެ.

އެގޮތުން, ކަނޑާއި ވައިގެ މަގުން, 4706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

"ކުއްޖާ ހޯދުމަށް މިހާތަނަށް ކުރިމަސައްކަތުން ކުއްޖާ ފެނިފައިނުވާތީވެ ސާޗް ވަނީ ސަސްޕެންޑްކުރެވިފައި," އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން، ހަނާ މުހައްމަދު ވިދާޅުވިއެވެ.

ލޯންޗް އަނބުރާލަން އުޅުމުގެ ތެރޭގައި ތިން މީހަކު ކަނޑަށް ވެއްޓުނެވެ. ވެއްޓުނު ތިން މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ފިރިހެނެކެވެ.

ކަނޑަށް ވެއްޓުނު 33 އަހަރުގެ މަރިޔަމް ނާހިދާ ފެނުނު އިރު ވެސް ވަނީ ދުނިޔެ ދޫކޮށްފައެވެ. ކަނޑަށް ގެއްލިފައިވަނީ އޭނާގެ އުމުރުން ހަތަރު އަހަރުގެ ދަރިފުޅެވެ.

comment ކޮމެންޓް