އަންނަ ހަފުތާގައި 20 ރަށަކަށް އެމްބިއުލެންސް ފޮނުވޭނެ: ހެލްތު މިނިސްޓްރީ

އަތޮޅުތެރޭގައި ބޭނުން ކުރުމަށް ގަނެފައިވާ އެމްބިއުލެންސްތައް-- ފޮޓޯ/ ހެލްތު މިނިސްޓްރީ

މި ފެށޭ ހަފުތާގައި 20 ރަށަކަށް އެމްބިއުލެންސް ފޮނުވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ބޭނުން ކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގަނެފައިވާ އެމްބިއުލެންސްގެ ފުރަތަމަ ޝިޕްމަންޓް (20 އެމްބިއުލެންސް) ރަށްރަށަށް ފޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށް ދަނީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ކަމަށާއި، އެ މަސައްކަތް ނިންމުމަށްފަހު ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ރަށްރަށަށް އެމްބިއުލެންސްތައް ފޮނުވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ މޭ މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާއެކު އެއްބަސްވުމެއް ހަދާފައެވެ.

އެއީ ސަރުކާރުގެ ހަރަދުގައި ގަންނަ އެމްބިއުލާންސްތަކެކެވެ. އަދި މި އަހަރުގެ ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެންނާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް